ހަބަރު

ގައުމުގެ ކޮންމެ އަކަ އިންޗިއެއް ބަލަހައްޓާނީ ދިވެހިން އަމިއްލައަށް: ރައީސް ޑރ. މުއިއްޒު

ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި އެހެން ގައުމުތަކުގެ އެހީ ހޯދިޔަސް މި ގައުމުގެ ރައްކާތެރިކަމާއި ސަލާމަތަށް ކޮންމެ އަކަ އިންޗިއެއް ވެސް ބަލަހައްޓާނީ ދިވެހިން އަމިއްލައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިންގެ އިސްތިއުމާރުން ރާއްޖެ މިނިވަންވިތާ 60 އަހަރު ފުރުން މިއަދު ފާހަގަކުރާ މުނާސަބަތާ ގުޅިގެން ރައީސް ވަނީ ފުލުހުންނާއި ސިފައިންނާ އެކު ހާއްސަ ރަސްމިއްޔާތެއް ބާއްވަވައިފަ އެވެ. މިއީ، މިނިވަން ދުވަހު، ސިފައިންނާއި ފުލުހުންނާ އެކުގައި ރައީސަކު މިގޮތަށް ރަސްމިޔާތެއް ބޭއްވެވި ފުރަތަމަ ފަހަރެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ މިނިވަންކަމާ އެކު ދިގު މާޒީއެއް ހޭދަކުރި ގައުމެއް ކަމަށެވެ. މިނަވަންކަން ގެއްލިގެންދިޔަ މަދުފަހަރެއްގައި، އެ މިނިވަންކަން އަނބުރާ ހޯދުމުގައި ސަލާމަތީ ހިދުމަތްތަކުގެ ދައުރު ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ފުލުހުންނާއި ސިފައިންގެ ހިދުމަތަށް ކުރިއަށް ވުރެ ބޮޑަށް އިސްކަންދެނީ ކޮން ވިސްނުމެއްގައިތޯ އަދި ހަނގުރާމައަށް ތައްޔާރުވަނީތޯ މީހުން ސުވާލު އުފައްދަ އެވެ.

އެކަމަށް ޖަވާބުދެއްވަމުން، ރައީސް ވިދާޅުވީ ރާއްޖެއަކީ ފަހުރުވެރި މިނިވަން ގައުމެއް ކަމަށެވެ. ދިވެހިން ހިމާޔަތްކުރަން މި ގައުމު އޮންނަން ޖެހޭނީ އަބަދު ވެސް ތައްޔާރަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"..އަޅުގަނޑުމެންނަކީ ފަހުރުވެރި މިނިވަން ގައުމެއް. ފަހުރުވެރި މިނިވަން ގައުމެއް. އަޅުގަނޑުމެންގެ ކަންކަން ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް. އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑު ވަރަށް ބޮޑު. ހާއްސަ އިގުތިސޯދީ ސަރަހައްދު ނިސްބަތުން އެންމެ ބޮޑު އެއް ގައުމަށް ދިވެހިރާއްޖެ ވެ، ހާއްސަކޮށް އިންޑިއާ ކަނޑުގައި. އީއީޒެޑު އެންމެ ބޮޑު ދެތިން ހަތަރު ގައުމެއްގެ ތެރޭގައި ރާއްޖެ ހިމެނޭ،" ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ބޮޑު ސަރަހައްދަކަށް ރަށްތަކާއި އަތޮޅުތައް ފެތުރި އަދި މީހުން މަދުވިއަސް، މި ގައުމުގެ ކޮންމެ އަކައިންޗިއެއް ބަލަހައްޓާނީ އަމިއްލައަށް ކަމަށެވެ.

ރާއްޖޭގެ ކަންކަމުގައި ދިވެހިން އިސްވިއަސް، މި ސަރުކާރުގެ ސިޔާސަތަކީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދުމެވެ.

"..އެހެން މީހުންގެ އެހީތެރިކަން ނުހޯދާށެކޭ ނޫން. އެހީތެރިކަން ހޯދަންޖެހޭނެ. އެހީތެރިކަން ފަންނީ ގޮތުން ހޯދަންޖެހޭނެ، ތަކެތީގެ ގޮތުން ހޯދަންޖެހޭނެ އަދި އެހެން ހުރިހާ ގޮތަކުން ވެސް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މި ސަރުކާރުގެ ސިޔާސަތު އޮންނާނީ ހުރިހާ ގައުމަކާ އެކީގައި. އެހެން ނަމަވެސް، އެހެން ބަޔަކު އައިސް އަޅުގަނޑުމެންގެ ކަންކަމާ ހަވާލުވެގެން ކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މިއީ، ގައުމީ ލޯބި ނެތް ބަޔަކަށް ފަހުމްނުވެދާނެ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ އިސް ވާޖިބަކަށް ވާން ޖެހޭނީ ސިފައިންނާއި ފުލުހުންގެ މުއައްސަސާ ކުރިއެރުވުމަށް، އެ ތަންތަނުގައި ހިދުމަތްކުރާ މީހުންނަށް ބޭނުންވާ ކަންކަމަށް އިސްކަންދިނުމެވެ.

ފަހުރެއް އަދި ޒިންމާއެއް ކަމަށް ދެކި، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަމުން އަންނަ ސިޔާސަތަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ، މި ވެރިކަމަށް މި ވީ ދޮޅު އަހަރުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުއައްސަސާގެ ގާބިލްކަން އިތުރުކުރަން މަސައްކަތްކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެކަން އިތުރުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ ތެރެއިން، ވަޔާއި ކަނޑު އަދި އެއްގަމުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ސިފައިންގެ ގާބިލްކަން އިތުރުކުރަމުން އަންނަ ކަމަށާއި މީހުން ދިރިއުޅޭ ރަށްރަށުގައި ފުލުހުންގެ މަރުކަޒެއް ނެތުން ނިމުމަށް ގެނެސް، ވަސީލަތްތައް ފުރިހަމަކުރުމާއި ތަމްރީނުތައް ފުރިހަމަކުރުމުގައި އިސްކަންދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.

ފުލުހުންނާއި ސިފައިންގެ ހިދުމަތް ފުރިހަމަކުރަން ދިމާވާ ދަތިތައް ހައްލުކުރަން މި ސަރުކާރުން ވަނީ "ނޭޝަނަލް ސާވިސް"ގެ ނަމުގައި ވަކި ޕްރޮގްރާމެއް ފަށައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ މިހާރު ފަށަން ތައްޔާރުވެފައިވާ އެ ޕްރޮގްރާމްގެ ސަބަބުން އެ ދެ އިދާރާއަށް ފައިދާކުރާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ފުލުހުންނާއި ސިފައިންގެ އިދާރާއަށް ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އޮފިސަރުންނަށް މެޑަލް ހަވާލުކޮށްދެއްވައިފަ އެވެ.


ކޮމެންޓް