ހަބަރު

އިންޑިއާއާއެކު އޮތީ ކަނޑައިނުލެވޭ ފަދަ ވަރުގަދަ ގުޅުމެއް: ރައީސް

ވިޔަފާރީގެ ބައިވެރީންގެ ގޮތުގައި އަދި އަވައްޓެރީންގެ ގޮތުގައި ރާއްޖެ އާއި އިންޑިއާއިން ބިނާކޮށްފައިވަނީ ކަނޑައިނުލެވޭ ފަދަ ވަރުގަދަ ގުޅުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޝަރަފުގައި، ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރޭ ދެއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ އެކުވެރިކަން ބިނާވެފައިވަނީ ހަރުދަނާ ގުޅުންތަކާއި، ސާބިތު ބައިވެރިވުންތަކުގެ މައްޗަށް ކަމަށެވެ


"އިންޑިއާ ކަނޑަކީ މި ގުޅުމުގެ ދިރުންހުރި ދަލީލެއް. ވިޔަފާރީގެ ބައިވެރިންގެ ގޮތުގައި އަދި އަވައްޓެރީންގެ ގޮތުގައި ދެ ގައުމުން ބިނާކޮށްފައިވަނީ ކަނޑާނުލެވޭ ފަދަ ވަރުގަދަ ގުޅުމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުމުގެ ހުދޫދަކީ ހަމައެކަނި ހާރިޖީ ގުޅުންތައް ނޫން ކަމަށާއި ރާއްޖެ އާއި އިންޑިއާގެ ގުޅުން މޫލައިފައިވަނީ އެތައް ގަރުނެއް ކުރީއްސުރެ ގާއިމުވެ ބަދަހިވަމުން ގޮސްފައިވާ އެކުވެރިކަމުގެ ތެރެއިން ކަމަށެވެ. އަދި ދެ ގައުމުން ހިއްސާކުރާ ތާރީހާއި ދެ ގައުމުގެ ސާބިތު ބައިވެރިވުންތަކަށް ވެސް ރައީސް ވަނީ އިޝާރާތްކުރައްވައިފައެވެ.

ދިވެހި ސަރުކާރުގެ އަޒުމަކީ، ޝާމިލު އަދި ދިރުން ހުރި އިގުތިސާދެއް ބިނާކޮށް، ޒުވާނުން ބާރުވެރިކޮށް، ސަރަހައްދީ ގޮތުން އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި އެ އަމާޒަށް ވާސިލުވުމުގައި އިންޑިއާގެ އެހީތެރިކަމުގެ ބޭނުން ބޮޑުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މޯދީ އިއްޔެ ހެނދުނު ރާއްޖެ ވަޑައިގެންނެވީ ރައީސް މުއިއްޒުގެ ދައުވަތަކަށެވެ. މޯދީގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މުހިންމު 8 އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ


ކޮމެންޓް