އިންޑިއާއިން ދިވެހިރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ދެެއްވައިފިއެވެ.
ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުރީގައިވެސް އިންޑިއާއިން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ފަދައިން، ކުރިމަގުގައިވެސް އެފަދަ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
"އިންޑިއާއިން ދިވެހިރާއްޖެއާއެކު އަބަދުވެސް ވާގިވެރިވެ ދެމިތިބޭނެ. އެއީ ކުއްލި ހާލަތްތަކުގައި އެންމެ ފުރަތަމަ އިޖާބަދިނުން ކަމުގައި ވިޔަސް، ނުވަތަ އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުން ކަމުގައި ވިޔަސް، ނުވަތަ އިޤްތިޞާދީ ކަންކަން ހަރުދަނާކުރުމަށް އެހީތެރިވުން ކަމުގައި ވިޔަސް، އިންޑިއާއިން ދިވެހިރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ،" މޯދީ ވިދާޅުވިއެވެ.
ކަނޑުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސޮއިކުރެވުނު އެއްބަސްވުމަށްފަހު، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވަމުންދާ ކަމަށްވެސް މޯދީ މިއަދު ފާހަގަކުރެއްވިއެވެ. މޯދީ ވިދާޅުވީ އިންޑިއާގެ ސިޔާސަތަކީ އެކުވެރި ޤައުމުތަކަށް އިސްކަންދިނުން ކަމަށެވެ.
މޯދީ ވިދާޅުވީ ރައީސް މުޙައްމަދު މުޢިއްޒު ވޭތުވެދިޔަ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިޤްތިޞާދީ އަދި ކަނޑުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު އެ އެއްބަސްވުމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. މީގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވަމުންދާ ކަމަށް މޯދީ ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު އިމާރާތްކޮށް، މިއަދު ރަސްމީކޮށް ހުޅުވާލެވުނު ކޯސްޓްގާޑުގެ އައު އިމާރާތަކީ ދެ ޤައުމުގެ ގުޅުމުގެ ވަރުގަދަ ނިޝާނެއްކަމުގައި މޯދީ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް އިންޑިއާއިން ކުރިއަށް އޮތްތަނުގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބޮޑުވަޒީރު އިތުރަށް ވިދާޅުވިއެވެ. މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދެ ޤައުމުގެވެސް އަމާޒުކަމުގައި މޯދީ ފާހަގަކުރެއްވިއެވެ.

ކޮމެންޓް