ގައުމީ ލޯބި ކުރިމަތީގައި ސިޔާސީ އޮއިވަރަކީ އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެލިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު މިރޭ ވިދާޅުވީ ގައުމު ދެކެ ލޯބިވުމަކީ ކޮބައިކަމާއި، މީގެ ކުރިން މި ގައުމުގެ މިނިވަންކަން މިއަދާ ހަމައަށް ގެނެސްދިނުމަށް ގުރުބާންވި އަބުތާލުންވީ ކޮން ގުރުބާނީއެއްކަން އޭގެ ފުރިހަަމަ މާނައިގައި ޅަ ދަރިންނަށް ކިޔައިދޭން ކަމަށެވެ.
"މިކަން ކުރަން ތިބީ އަޅުގަނޑުމެން. އަޅުގަނޑުމެންގެ އަމިއްލަ ކަންކަމަށްވުރެ ގައުމު އިސްކުރި ދުވަހަކުން އެކަން ކުރެވޭނީ. ސިޔާސީ އޮއިވަރު މިއީ އެއްވެސް މާނައެއް ހުރި އެއްޗެއް ނޫން، ގައުމީ ލޯބި ކުރިމަތީގައި. އަޅުގަނޑުމެން އިސްކުރަންވީ ގައުމު،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިން އިސްކުރަންޖެހޭނީ ދިވެހިވަންތަކަން، އިސްލާމްދީން، ދިވެހި ބަސް، އަމިއްލަވަންތަކަން އަދި ގައުމިއްޔަތު ކަމަށާއި އެކަން އިސްކޮށްގެން ނޫނިއްޔާ ކިތަންމެ އެއާޕޯޓެއް ހެދިޔަސް، ކިތަންމެ ބަނދަރެއް ހެދިޔަސް، ކިތަންމެ މަގެއް ހެދިޔަސް، ސްކޫލެއް ހެދިޔަސް، ހޮސްޕިޓަލެއް ހެދިޔަސް ހަގީގީ ތަރައްގީއެއް ނާންނާނެ ކަމަށެވެ.
"ހަގީގީ ތަރައްގީ އަންނަން އޮތީ ސިކުނޑިން. އެކަން ކުރާނީ އަމިއްލައަށް. އަމިއްލައަށް އެކަން ކުރަން އަޒުމު ކަނޑައެޅި ދުވަހަކުން ނޫނިއްޔާ އަޅުގަނޑުމެންނަކަށް ނެތް އުފާފާގަތިކަމެއް، ހަގީގީ މާނައިގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ވަށާޖެހޭ ތަރައްގީއެއް އަންނާނީ އެ ތަރައްގީ އަމިއްލަ ނަފުސާ ހިސާބުން ގެންނަން ފަށައިގެން ކަމަށާއި އަމިއްލަ ނަފުސަށް ގެންނަ ތަރައްގީއަކީ ސަރުކާރުން ހިންގާ މަޝްރޫއަކުން ގެނެވޭނެ ތަރައްގީއެއް ނޫން ކަމަށެވެ. އެއީ އަމިއްލައަށް އެ ނިންމުން ނިންމައިގެން އަންނަ ތަރައްގީއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް