ހަބަރު

ފޮއްދޫ ބަނދަރު ތަރައްްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

ރައީސް ޑރ. މުއިއްޒު ނ އަތޮޅަށް ކުރައްވަމުން މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަރިހުގައި ބައިވެރިވެވަޑައިގެންނެވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީ އެވެ.

ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 30,648 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި، 3,990 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 145 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި، 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 130 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފަ އެވެ. 

މީގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސްވަނީ ހަމަޖެހިފަ އެވެ. ފޮއްދޫ ބަނދަރު ހެދުމުގެ މަޝްރޫއަކީ 49.77 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ މިމަސައްކަތް ނިމޭއިރު ތަނަވަސް ބަނދަރެއް ލިބި، ރަށަށް އަންނަ ފަތުރުވެރީންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.


ކޮމެންޓް