ހަބަރު

ވިހަ ސިޔާސީ އޮއިވަރެއްގައި ގައުމު ޖައްސަން ފުރުސަތެއް ނުދޭނަން: ރައީސް

ވިހަ ސިޔާސީ އޮއިވަރެއްގައި ގައުމު ޖައްސަން ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.


ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ބަދަލު ހިފުމުގެ ރޫހެއް މިއަދު މި ގައުމުގައި އޮތް ކަމަކަށް އެއްވެސް ރައްޔިތަކަށް ނުބުނެވޭނެ ކަމަށާއި މިދިޔަ ދެ އަހަރުތެރޭ ސިޔާސީ ގޮތުން އެއްވެސް މީހަކާއި މެދު ފިޔަވަޅެއް އަޅާފައިނުވާކަން އެއީ ކޮންމެ ސިޔާސީ ފިކުރެއްގެ މީހަކަށް ވެސް އެއްބަސްވެވޭނެ ހަގީގަތެއް ކަމަށެވެ.

މީގެކުރިން އަބަދުވެސް ފެންނަމުން އަންނަނީ އަވަސް އަރުވާލައިގެން ސަރުކާރާއި އިދިކޮޅު މީހުންނަށް އަދަބުދީ ޖަލަށްލައި ކަންކަން ކުރާތަން ކަމަށާއި އަބަދުވެސް ގައުމު ޖައްސާފައި އޮންނަނީ ވިހަ ސިޔާސީ އޮއިވަރެއްގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދަކު އެކަމެއް ނެތް. ވިހަކުރަން މަސައްކަތް ކުރިޔަސް އަޅުގަނޑެއް އެ ފުރުސަތެއް ނުދެން. ނުދިނީމަ ވިހައެއް ނުކުރެވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2040 ވަނަ އަހަރު އަންނަ އިރު ރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމެއްކަމުގައި ހެދުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވެވޭނީ، ދިވެހި ހުރިހާ ރައްޔިތުން، އެއް ވިސްނުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުން ކަމަށާއި، މި ކަންކަން ފުރިހަމަ ކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރަމުން ގެންދަވަނީ، އިޤްތިޞާދީ ގޮތުން ޤައުމު ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި، ޤައުމު ދަރަނިވެރި ނުވެ، ފައިސާ ޗާޕު ނުކޮށްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން މި ސިޔާސަތުން، ރާއްޖޭގެ ފަޚުރާއި، މިނިވަންކަމާއި، މުސްތަޤިއްލުކަން ދަމަހައްޓައި، އަމިއްލަވަންތަކަމާއެކު ފަރުދީ އަދި ޖަމާޢީ ތަރައްޤީ ގެނެސްދެވޭނޭކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


ކޮމެންޓް