މާލެއިން ގެއްލިގެން ހޯދަމުން އަންނަ ގ. ގާރނެޓް ހަސަން ޔާމީން (30އ) ވަނީ ބުރިޖު މަތީން ކަނޑަށް ފުންމާލައިފައިކަން އަށް އެނގިއްޖެ އެވެ.
ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެނގިފައިވާ ގޮތުގައި، އޭނާ ކަނޑަށް ފުންމާލި މަންޒަރު ވަނީ ބުރިޖުގެ ސީސީޓީވީއަށް އަރައިފަ އެވެ. އޭނާ ކަނޑަށް ފުންމާލައިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައިކަން ވެސް ވަނީ ކަށަވަރުވެފަ އެވެ.
ފުލުހުން މިއަދު ބުނިގޮތުގައި، ސިފައިންނާ ގުޅިގެން ޔާމީންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔާމީން ހޯދުމަށް ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު ދިރާސާކޮށްފައިވާ ކަމަށާއި އެގޮތުން މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ފަތިހު 3:24 ހާއިރު ޔާމީން ސިނަމާލެ ބުރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށެވެ.
"މި މައުލޫމާތު އާއިލާއާ ހިއްސާކޮށް، އާއިލާއާ ވަރަށް ގާތުން ތަހުގީގު ޓީމުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން މިދިޔަ އަންގާރަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ 21:25 އެހާކަންހާއިރު މާލޭގައި ޔާމީން ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާކަމަށް މިމަހުގެ 14 ވަނަ ދުވަހުގެ 20:30 އެހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔާމީން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމުން އެކަން ފުލުހުންގެ ކަމާބެހޭ ހުރިހާ ޑިޕާޓްމެންޓުތަކަށާއި ކަމާބެހޭ އެހެނިހެން މުއައްސާސަތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި ތަހުގީގުގެ މަސައްކަތް ފަށައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
"ތަހުގީގުން ވަނީ ހަސަން ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާގުޅުންހުރި އިދާރާތަކުން ކަށަވަރުކޮށްފައެވެ. ހަސަން ޔާމީން ހޯދުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން ކުރެވެން ހުރި އެންމެހައި މަސައްކަތްތައް މެދުނުކެނޑި ދަނީ ކުރަމުންނެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މައްސަލައާ ގުޅުންހުރި ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންގެ އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އާއިލާގެ އެއްބާރުލުމާއެކު ޔާމީން ދިރިއުޅޭތަން ބަލައި ފާސްކުރި އިރު، ތުހުމަތުކުރެވޭ އެއްވެސްކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެޕާޓްމެންޓަށް އެއްވެސް ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށްވެސް ފުލުހުންގެ އެ ބަޔާނުގައި ބުނެފައިވެއެވެ.
ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ ވަނީ ބުރިޖުމަތީން ކަނޑަށް ފުންމާލައިފައި: ފުލުހުން

ކޮމެންޓް