ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދައްނަވައިފި އެވެ.
ރައީސް މުއިއްޒު ހެނބަދޫއަށް މިއަދު ވަޑައިގެންނެވި ވަގުތަކީ އެރަށަށް ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެއް ނަމަވެސް އެރަށުގެ ގިނަ ބަޔަކު ވަނީ ރައީސަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް އެއްވެފައި އެވެ.
ހެނބަދޫއަކީ ނ. އަތޮޅަށް ރައީސް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި ދެވަނަ މަންޒިލެވެ. ފުރަތަމަ ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވީ ނ މާފަރަށެވެ.
ހެނބަދޫއަށް ކުރައްވާ މިދަތުރުފުޅުގައި ރައީސް އެރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ރައީސް ހެނބަދޫ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެކި ރަށްރަށުގައި ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތައް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓެވުމާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުން ހިމެނެއެވެ. މީގެ އިތުރުންވެސް ރަށްރަށަށް ސްކޫލްތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވައިގެން ކުރައްވަން އެކަށައަޅުއްވާފައިވާ ބައެއް މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފައްޓަވައިދެއްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ނ. އަތޮޅު ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫއަށެވެ.
ރައީސް މިލަދުންމަޑުލު ދެކުނުބުރީގައި ރަށްރަށަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.
ހެނބަދޫ ރައްޔިތުން ވިއްސާރައިގައި ނިކުމެ, ތެމި ފޯވެގެން ރައީސަށް އޮތް ލޯބި ދައްކާލައި ހޫނު މަރުހަބާއެއް ދަންނަވައިފި

ކޮމެންޓް