ހުޅުމާލޭގައި ޕާކްކުރުން މަނާ ތަންތަނުގައި ޕާކުކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.
ހުޅުމާލެ ފުލުހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ޓްރެފިކްގެ ގަވާއިދާ ހިލާފަށް ހުޅުމާލޭގެ އެކި ތަންތަނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި ކަފިހިހުރަސް މައްޗާއި ޑަބަލް ލައިން ކުރަހާފައި ހުންނަ ތަންތަނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ހިމެނެ އެވެ.
މިއީ މަގުތަކަކީ އެންމެނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ކުރާ ކަމެއް ކަމަށް ހުޅުމާލެ ފުލުހުން ބުންޏެވެ.
ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް ވެހިކަލް ޕާކްކުރުން މަނާ މަގުތަކުގައި ޕާކްކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 420 ވެހިކަލް މިދިޔަ މަހު ވެސް ޓޯކުރި އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ. ޓޯކުރާ ވެހިކަލްތައް ފުލުހުން ދޫކުރަނީ 750ރ. ގެ ޖޫރިމަނާއާ އެކު، ކުރިން ކޮށްފައި ހުރި ވެހިކަލްގެ އެހެން ޖޫރިމަނާތަކާއި ނުދައްކާ ހުރި އަހަރީ ފީތައް ވެސް ދައްކައި ހަލާސްކުރުމުންނެވެ.

ކޮމެންޓް