ރައީސްގެ ދަރިކަލުންގެ އަބުރަށް މަރިޔަމް ޒުބައިރު، މަންދީ އަރައިގަތް ކަމަށް ސާބިތުވާކަމަށް މަދަނީ ކޯޓުން ޙުކުމް ކޮށްފިއެވެ.
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މަންދީގެ މައްޗަށް ދައުވާ ކޮށްފައިވަނީ، އެމްޑީޕީން މިދިޔަ މާޗުމަހު ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ރާއްޖޭގައި ވޭޕް މަނާކޮށްފައިވަނީ ރައީސްގެ ދަރިކަލުން ވޭޕްކުރައްވާތީ ކަމަށް މަންދީ ތުހުމަތު ކޮށްފައިވާތީއެވެ.
އެ މައްސަލާގައި މަންދީގެ ޣައިރު ޙާޟިރުގައި މަދަނީ ކޯޓުން މިއަދު އިއްވާފައިވާ ޙުކުމުގައި ބުނެފައިވަނީ، މަރިޔަމް ޒުބައިރު ދެއްކި ވާހަކައިން އުމައިރުގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާ އަށް ލިބިގެންވާ ކަމަށް ޙުކުމުގައިވެއެވެ.
މި މައްސަލައިގައި މެޑަމް ސާޖިދާ ވަނީ، މަރިޔަމް ޒުބައިރުގެ އިތުރުން އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށްވެސް ދައުވާ ކޮށްފައެވެ.
އެހެންނަމަވެސް އެ މައްސަލާގައި ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ، އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި އެޕާޓީގެ ޗެއަރޕާސަން ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށާއި، އެހެންކަމުން ސާޖިދާ އެދިވަޑައިގެން ގޮތަށް އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒު ވޭޕްކުރާ ކަމަށް ތުހުމަތުކޮށް މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން، އޭނާއާއި ދެކޮޅަށް ދައުވާ އުފުލީ ފަސްޓްލޭޑީ ސާޖިދާ އަހުމަދުއެވެ. އެ ދައުވާ އުފުލީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ރައީސްގެ ދަރިކަލުންގެ އަބުރަށް އަރައިގަތްކަން ސާބިތުވާކަމަށް ކޯޓުން ނިންމައިފި

ކޮމެންޓް