ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް މިހާރު ނިންމާފައިވާ ގޮތާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ އާ މާސްޓަޕްލޭންގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ހޭޔަންބޯ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އާ މާސްޓަޕްލޭން ތައްޔާރު ކުރަނީ ވީއައިއޭ ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް ބިނާކޮށް ކަމަށާއި ޒަމާނާ އެއްގޮތަށް ވަރަށް ގިނަ ކަންކަން އޭގައި ހިމެނޭނެ ކަމަށެވެ.
އެ މާސްޓަޕްލޭން ލިބުމާ އެކު އޭގެ އަމަލީ މަސައްކަތްތައް ފަށާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، ފްރީ ޒޯން ފަދަ ވަރަށް ގިނަ ކަންކަން އެއާޕޯޓެއްގައި ހިމެނިދާނެ ކަމަށާއި އާ މާސްޓަޕްލޭންގައި އެ ފަދަ ކަންކަމަށް ރިއާޔަތް ކޮށްފައިވާނެ ކަމަށެވެ.
"މާސްޓަޕްލޭން އަތަށް އެރުމާ އެކު އިރާދަކުރެއްވިއްޔާ އޭގައި ހުރި ވަކި ކޮމްޕޯނަންޓުތަކުގެ އަމަލީ މަސައްކަތް ފައްޓާނަން. އޭގެ ތެރޭގައި އޮންނާނެ ޑޮމެސްޓިކް ޓާމިނަލް އިތުރަށް ތަރައްގީ ކުރުން. އިންޓަނޭޝަނަލީ މިކޮޅަށް އަންނަ ފަސިންޖަރުން ޑޮމެސްޓިކް ޓާމިނަލް ބޭނުންކުރޭ. ހަގީގަތުގައި ސާވިސް އެއް ލެވެލެއްގައި ދެންޏާ ޑޮމެސްޓިކް ވެސް އެބަޖެހޭ ރަނގަޅުވާން،" އެމްޑީ ވިދާޅުވި އެވެ.
"އެއީ ވަރަށް ގިނަ ފަތުރުވެރިން ޑޮމެސްޓިކް ޓާމިނަލް އެބަ ބޭނުންކުރޭ."
ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރާނެ ގޮތުގެ މާސްޓަޕްލޭނެއް 2007 ގައި އިނގިރޭސި ވިލާތުގެ ސްކޮޓް ވިލްސަން ކުންފުނިން ހަދައި ދިނެވެ. ހަތް މިލިއަން ރުފިޔާ( 545،000 ޑޮލަރު) ހަރަދު ކޮށްގެން އެ މާސްޓަޕްލޭން ހެދީ 25 އަހަރުގެ މުއްދަތަކަށެވެ. އޭގެ ފަހުން ޗަންގީ އެއާޕޯޓް މެދުވެރިކޮށް އިތުރަށް އެ މާސްޓަޕްލޭން ފުރިހަމަކުރި އެވެ.
ސެޕްޓެމްބަރު މަހުގެ ފަހުން ވީއައިއޭގެ އާ މާސްޓަޕްލޭން ތަންފީޒު ކުރަން ފަށާނެ: ޝަރީފު

ކޮމެންޓް