ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލް ހުޅުވުމަށް މި މަހުގެ 26 ގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން އެމްއޭސީއެލް އިން ނިންމައިފި އެވެ.
މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު މިރޭ "މިހާރު" އަށް ވިދާޅުވީ، 26 ވަނަ ދުވަހުގެ ރޭ ބާއްވާ އެ ހަފުލާ އަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންނަށް ވަކިވަކިން ދައުވަތު އަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސުންގެ އިތުރުން އެމްއޭސީއެލްގެ ކުރީގެ ވެރިންނާއި ބޯޑުގައި މިހާތަނަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއި ޓޫރިޒަމް އިންޑަސްޓްރީ އާއި ވިޔަފާރިވެރިންނަށް ވެސް ދައުވަތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ޒަމާނީ ޓާމިނަލް ހުޅުވުމުގެ ހަފުލާ ވަރަށް ކުލަގަދަކޮށް ބާއްވަން އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނައިރު އޭގެ ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހަމަޖައްސައި ދީފަ އެވެ. އެއާއެކު އެ ޕްރޮޖެކްޓަށް ޖުމްލަ، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހޭދަވި އެވެ.
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވާނަން: އެމްއޭސީއެލް

ކޮމެންޓް