ހަބަރު

ތޭރަ އާއި އަސްފާއަށް އޮތް ލޯބި، ސަހަރާ އެއްކޮށް ފުރާލާއި ހިތްތައް ރޮއްވާލައިފި

ރޭގައި މާލޭގައި ހިނގު ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދުގެ ޖަނާޒާ އޮތީ މިއަދު އަސުރަށްފަހު އެވެ.

މާލެއަށް އަސުރަށް ގޮވަނީ 15:38 ގަ އެވެ. އެހެންނަމަވެސް ތިނެއްވެސް ނުޖަހަނީސް، ދެބުރިއަށް ހުންނަ ސަހަރާ މިސްކިތް އޮތީ ޖަނާޒާއަށް އައި މީހުންނާއިގެން ފުރާލާގަ އެވެ. 

އާއިލާ މީހުންނާއި ގާތް ތިމާގެ މީހުންނާައިގެންނެވެ. ދުވަސްވީ މީހުންނާއި އަންހެނުންނާއި ކުޑަކުދިންނާއިގެންނެވެ. އުމުރުން 17 އަހަރުގެ އަލްސަންއާއި އެއް ފުރާގެ ކުދިންނާއިގެންނެވެ. އަލްސަން ނުދަންނަ، އެހެންނަމަވެސް ހެޔޮއެދޭ އެތައް ބަޔަކާއިގެންނެވެ. 

އަލްސަންގެ މޫނު ދެއްކިލަން ދިޔަ މީހުންނާއިގެން މުޅި ހިސާބަށް އޮތީ ދިގު ކިޔު ދަމާލާފައެވެ. އަލްސަންގެ މޫނު އެޅީ ކިޔުގައި ތިބި އެތައް ބަޔަކަށް އެ މޫނު ދެކިލުމުގެ ފުރުސަތު ނުލިބިއެވެ. 

އުމުރުން 17 އަހަރުގެ އަލްސަން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް އެކްސިޑެންޓްވިތާ މާގިނައިރުތަކެއްވެސް ނުވަނީސް އެވެ. 

މަޝްހޫރު ލަވަކިޔުންތެރިންކަމަށްވާ މުހައްމަދު އަބްދުލް ގަނީ އާ މަރިޔަމް އަޝްފާގެ ހަމައެކަނި ހުރި ދަރިފުޅު އަލްސަން ވަކިވުމުން އެތައް ބަޔަކު އަންނަނީ އެ ހިތާމާގައި ބައިވެރިވަމުންނެވެ. 

މިއަހަރު އޯލެވެލް ހެދި އަލްސަން ކިޔަވާ ނިންމި ސްކޫލް އިސްކަންދަރު ސްކޫލުން އެފްބީގައި ކުރި ޕޯސްޓުގައި ވަނީ ސްކޫލާއި މުވައްޒަފުންނާއި ދަރިވަރުންގެ ނަމުގައި އަލްސަންގެ އާއިލާއަށް ތައުޒިޔާ ރައްދުކޮށްފަ އެވެ.


ކޮމެންޓް