ހަބަރު

އާ ޓާމިނަލު ހަގީގަތަކަށް ހަދައި، ވިދުންވެރިކަމާއި ރޯޝަނީކަން ގެނުވީ ރައީސް ޑރ. މުއިއްޒު: އެމްއޭސީއެލް

ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، އޭގެ ހިންގުމުގެ ނިޒާމަށް މުހިންމު ފުރާނައެއް ލިބިއްޖެކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެ ކުންފުނިން މިއަދު ފޮނުވި ލިޔުމެއްގައި ބުނީ ދިހަ ވަރަކަށް އަހަރުގެ އިންތިޒާރަކަށްފަހު ހުޅުވަން ތައްޔާރުވާ އާ ޓާމިނަލްގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ނިޒާމުގެ ފަދަ އަސާސީ ވަސީލަތްތައް ނެތްކަން ރައީސް ޑރ. މުއިއްޒަށް ވަނީ ފާހަގަކުރެވިފައިކަމަށެވެ. އެއާޕޯޓަށް ދުރުވެވަޑައިގެން މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން، އަވަސް މުއްދަތެއްގެ ތެރޭގައި ޓާމިނަލް ހިންގުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ގޮސްފައިވެއެވެ.

"ކުރީގެ ސަރުކާރުން ޓާމިނަލް ނިމުނުކަމަށް ދެއްކި ނަމަވެސް، އަސްލު ހަގީގަތުގައި އެތަނަކީ ދެފަރާތުގައި ފަސާޑު ޖަހާފައިވާ "ތޮށިގަނޑެއް" ކަމަށް ފާހަގަކުރެވިފައިވޭ" އެވެ. ޓާމިނަލްގެ ހިންގުމަށް ބޭނުންވާ ކަރަންޓު އުފައްދާނެ ނިޒާމެއް ގާއިމުކުރެވިފައި ނެތުމުން، އެމް.އޭ.ސީ.އެލްއިން ވަނީ 16 މެގަވޮޓުގެ ކަރަންޓު އުފައްދައިދޭ ޒަމާނީ ޕަވަރހައުސްއެއް ގާއިމުކޮށްފަ،"އެވެ.

ރަންވޭ ވަށައިގެންނާއި ރަންވޭގެ ދަށުން ކަރަންޓު ގެންދާނެ ޑިސްޓުރިބިއުޝަން މެކޭނިޒަމްތައް ގާއިމުކޮށް، މުޅި އެއަރޕޯޓު އެއް ވިއުގައަކުން ގުޅުވާލެވިފައިވެއެވެ.

މީގެއިތުރުން، އާ ޓާމިނަލް ފިނިކުރުމަށާއި ފާހާނާ ނިޒާމަށް ބޭނުންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމުން، އަހަރަކު 7 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދިނުމަށް ބޭނުންވާ ނިޒާމުތައް އަލުން ގާއިމުކުރަންޖެހުނެވެ. 

އެމްއޭސީއެލްއިން ވަނީ 2 ކިލޯމީޓަރުގެ ދިގު ފެން ޕައިޕްލައިނެއް ގާއިމުކޮށް، 2.7 ކިލޯމީޓަރުގެ ނަރުދަމާގެ ނިޒާމެއް ހައިވޭގެ ދަށުން އަޅައިފައެވެ. އަދި ދެ ޓާމިނަލް ގުޅުވާލުމަށް ޓަނަލެއް ހަދައި، ހެޑް އޮފް ސްޓޭންޑް ރޯޑް ނިންމައި، ޓާމިނަލް ވަށައިގެން 6 ކިލޯމީޓަރުގެ ޑުރެއިނޭޖް ހޮޅި ލައިނެއް ގާއިމުކޮށްފައިވާކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ 

އާ ޓާމިނަލްގެ މަސައްކަތްތަކުގެ 40 ޕަސަންޓު ކުރީގެ ސަރުކާރުން 9 އަހަރުން ނިންމާފައިވާއިރު، ޑރ. މުއިއްޒުގެ ސަރުކާރުން އެންމެ 18 މަސްދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 60 ޕަސަންޓު މަސައްކަތް ނިންމާފައިވެއެވެ. މިގޮތުން އާ ޓާމިނަލްގެ ހިންގުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކޮށް، ޖުލައި 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް ހުރިހާ ތައްޔާރީތަކެއް ވަނީ ފުރިހަމަކުރެވިފައެވެ.


ކޮމެންޓް