ކޭ ޕާކް ރެސިޑެންސީސް މަޝްރޫއާ ގުޅިގެން ދިގުލައިގެން ގޮސްފައިވާ އަދި ހައްލު ނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލަޔާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ކޭޕާކް ރެސިޑެންސީއިން ފްލެޓް ގަތް 50 މީހުން ސޮއިކޮށް ސިޓީއަކާއެކު ހުށަހެޅި އެ ޕެޓިޝަން މަޖިލީހުގެ ރައީސަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
ކޭޕާކުން ފްލެޓު ގަތް އަމިއްލަ ފަރާތަކުން ފޮނުވާފައިވާ އެ ސިޓީގައި ވަނީ އެ ފްލެޓުތަކުގެ މައްސަލައިގައި ގިނަ ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފައިވާތީ އެ ކަމަށް އަވަަސް ހައްލެއް ހޯދައިދނުމަށް އެދިފަ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފެށުނީއްސުރެ އެ މައްސަލައިގެ ޒިންމާ ނަގަން އިންކާރުކޮށް، އެ މައްސަލަ ހައްލުކުރަން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އެ މައްސަލައިގެ އެތެރޭގެ ރިވިއުތަކެއް ހަދާނެކަމުގެ ޔަގީންކަން ދިން ނަމަވެސް ދެ އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެދިޔައިރު އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ.
"މީގެ ސަބަބުން މި މައްސަލަ ދިގުލައިގެން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް އާއިލާތަކަކަށް ވަނީ އަސަރުކޮށްފަ އެވެ. މި އާއިލާތަކަށް މިހާރުވަނީ ސީރިއަސް މާލީ، ގާނޫނީ އަދި ނަފްސާނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.
އެޗްޑީސީ ފަދަ ދައުލަތުގެ ބާރު ލިބިފައިވާ ވަސީލަތްތައް ތަނަވަސް މުއައްސަސާއަކުން އެ މައްސަލައިން އަސަރުކޮށްފައިވާ ފަރާތްތަކަށް އަސާސީ އިންސާފު ނުވަތަ ލުޔެއްވެސް ހޯދައި ނުދީ އޮތުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވާ އެހެން ކަންކަމުގެ ތެރޭގައި ހިމެނެނީ:
އެޗްޑީސީގެ ޒިންމާ މާކުޑަ މަޝްރޫއުތަކަށް ހަރުދަނާ އެހީތެރިކަން ފޯރުކޮށްދެމުންދާތަން ފެންނަ ކަމަށް
ކޭޕާކް މައްސަލަތަކަކީ އެޗްޑީސީގެ އަމިއްލަ ގޯސްތަކުން ދިމާވެފައިވާ މައްސަލައެއް ކަމަށް؛ އޭގެ ތެރޭގައި ބިން ދޫކުރުމާއި ރެގިއުލޭޓަރީ ބެލުން ނެތުމާއި އަދި ޒިންމާދާރުކަމެއް ނެތި ތަކުރާރުކޮށް ސުންގަނޑި ފަސްކުރަމުން ގޮސްފައިވާ ކަމަށް
އެ ސިޓީގައި އޭނާ ވަނީ އެޗްޑީސީން އެ މައްސަލައިގައި ހައްލެއް ހޯދައިދިނުން ލަސްކުރަމުންދާ ދިއުން ތަހުގީގުކޮށްދޭން މަޖިލީހުގެ މެންބަރުންގެ އަރިހުން އެދިފަ އެވެ. އަދި އެކަމުގައި ޒިންމާ ވާން ޖެހޭ ފަރާތްތައް ޖަވާބުދާރީކޮށް، އެ މައްސަލައިގައި އަސަރުކޮށްފައިވާ އާއިލާތަކުގެ ހައްގުތައް ހިމާޔަތްކޮށް އަދުލުވެރި އަދި އަވަސް ހައްލެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭން ވެސް މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިފަ އެވެ.

ކޮމެންޓް