ރާއްޖޭގެ ސަރަހައްދަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށާއި، ކަނޑުމަތީގައި ރާޅުގެ އުސްމިން ހަތް ފޫޓާ ހަމައަށް އުފުލިދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިންޒާރު ދީފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރު ގަދަވެ، ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން އިންޒާރު ބުނެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ކޮންމެހެން ކުރަން ޖެހޭ ކަނޑުދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް ރޭގަނޑު ކަނޑުދަތުރު ނުކުރުމަށާއި، މޫސުން ތަންނުދޭނަމަ މޫސުން ރަނގަޅުވަންދެން ދަތުރު ފަސްކޮށްލުމަށް ވެސް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް