ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ދަންމަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިބީދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ރައީސްގެ މެސެޖުގައި ވަނީ، ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށް، ޝުކުރު ދަންނަވާފައެވެ.
“ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް.“ ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު ދިވެހިރާއްޖޭގައި ލައިބްރަރީ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާ ވޫޖުދުވި 1945 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހާއި ގުޅުވައިގެންނެވެ. އަދި މިހާރު ބޭނުންކުރަމުންދާ ޤައުމީ ކުތުބުޚާނާގެ ނަމަށް ރަސްމީގޮތުން އެ ނަން ބަދަލުކުރީ 1982 ވަނަ އަހަރުއެވެ.
ރާއްޖޭގެ ޤައުމީ ކުތުބުޚާނާގައި ދިވެހިބަހުން ލިޔެފައިވާ 10000 އަށްވުރެ ގިނަ ފޮތް ހުރިއިރު، އެއީ މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ކުތުބުޚާނާއެވެ.
ރާއްޖޭގެ 80 ވަނަ ލައިބްރަރީ ދުވަސް މިއަދު ފާހަގަކުރާއިރު، ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. 15000 ފޮތާއެކު އިސްލާމީ ކުތުބުޚާނާ ޤާއިމް ކޮށްފައިވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައެވެ.

ކޮމެންޓް