ގަބުރުސްތާނުގައި ކުޅިވަރު ކުޅޭ ތަންތަން ހެދުން ހުއްދަ ނުވާނެ ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ހާމަކޮށްފިއެވެ.
ފަތުވާ މަޖިލީހުން މިއަދު ޢާއްމު ކޮށްފައިވާ ފަތުވާގައި ބުނީ، ގަބުރުސްތާނުތައް ނަގައި އެ ތަންތަނުގައި ކުޅިވަރުކުޅޭ ތަންތަނާއި ޕާކުތައް ހެދުން ހުއްދަކޮށް މީގެ 8 އަހަރު ކުރިން 2017 ގައި ނެރެފައިވާ ފަތުވާ ބާތިލު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ފަތުވާ މަޖިލީހުން ފާސްކުރި “މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމް” އެ މަޖިލީހުގެ ވެބްސައިޓުގައި މިއަދު ވަނީ އާންމުކޮށްފައެވެ.
ކީރިތި ޤުރްއާންގެ ބައެއް އާޔަތްތަކަށް ހަވާލާދީ، އެ ފަތުވާގައި ބުނެފައިވަނީ އިސްލާމްދީނުގައި އާދަމްގެފާނުގެ ދަރީން، މާތްﷲ އުފެއްދެވި ގިނަ މަހުލޫގުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރިކުރައްވާފައިވާ ކަމަށެވެ. އަދި އެމަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި އަދި މަރުވުމަށް ފަހު ވެސް އެ އިހުތިރާމު ދެމިއޮންނަކަން ކީރިތި ރަސޫލާ (ޞ) ގެ ހަދީސްތަކުން އެނގޭ ކަމަށް ފަތުވާގައިވެއެވެ.
ހަމައެއާއެކު ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި، އެހެން ތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެއްކަން އެކި ހަދީސްތަކުން ދޭހަވާ ކަމަށް ފަތުވާގައި ވަނީ ބުނެފައެވެ.
ފަތުވާ މަޖިލީހުން ބުނެފައިވަނީ މިއީ، އިސްލާމީ ޝަރީއަތުގައ،ި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ ކަމަށެވެ.
މީގެކުރިން 2017 ވަނަ އަހަރު ނެރުނު ފަތުވާގައި ބުނެފައިވަނީ، އިސްލާމީ ބޮޑެތި ގައުމުތަކުގައި ޒަރޫރީ ހާލަތެއް މެދުވެރިވެއްޖެނަމަ، އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި އެފަދަ ގަބުރުސްތާންތަކުގެ ބިން ބޭނުންކުރާ ކަމަށެވެ. އޭގެ ތެރޭގައި މިސްކިތް އެޅުމާއި މަދުރަސާ ބިނާކުރުމާއި ހޮސްޕިޓަލް އެޅުމާއި މަގެއް ހެދުމާއި ފާލަމެއް އެޅުން ކަހަލަ ކަންކަން ހިމެނޭ ކަމަށް އެ ފަތުވާގައި ބުނެފައިވެއެވެ.

ކޮމެންޓް