ހަބަރު

ޝެއިޚް ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކުރަން 27،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިފި

އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަހްމަދު ރަޙިމަހުاللهގެ ހަނދާނީ މިސްކިތް ހުޅުމާލޭގައި ބިނާކުރުމަށް 27،000 އަކަފޫޓުގެ ބިމެއް ސަރުކާރުން ކަނޑައަޅައިދީފިއެވެ. މި މިސްކިތް ބިނާކުރަނީ ޚިދުމަތް ޖަމްއިއްޔާއިން އިސްނަގައިގެންނެވެ.

މިކަމާ ގުޅޭގޮތުން ހިދުމަތް ޖަމިއްޔާއިން ބުނެފައިވަނީ މިހާރު ކުރަމުންދަނީ މިސްކިތުގެ ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަސައްކަތްކަމަށާއި، މިސްކިތް ހިލޭ ކުރަހައިދޭނެ ތަޖުރިބާކާރު ފަރާތެއްވެސް މިހާރު ލިބިފައިވާ ކަމަށެވެ.

އަދި މި މަޝްރޫއާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށްވެސް އެ ޖަމްޢިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ހުޅުމާލޭގައި ޤާއިމު ކުރުމަށް ހަމަޖެހިފައިވާ މިސްކިތާ ގުޅޭގޮތުން، އިސްލާމިކް މިނިސްޓްރީއާއި އެކު ބޭއްވި ބައްދަލުވުމުގައި، މިސްކިތް ބިނާކުރުމުގެ މަސައްކަތަށް މިނިސްޓްރީގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދޭނެކަމުގެ ޔަގީން އެ މިނިސްޓްރީން ދެއްވާފައިވާ ކަމަށް ޚިދުމަތް ޖަމްޢިއްޔާއިން ބުނެއެވެ. އަދި މިސްކިތް ބިނާކުރުމަށް ބޭނުންވާ ތަކެތި ގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެމްއޭއިން ބޭންކު ރޭޓުން ޑޮލަރު ހަމަޖައްސައިދޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވާކަމަށް ހިދުމަތް ޖަމިއްޔާއިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.


ކޮމެންޓް