ހަބަރު

ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުންގެ މިދަތުރުފުޅަކީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އާދިއްތަ ދުވަހު ފެއްޓެވި ދަތުރުުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގަތުމުގެ ކުރިން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ސިންގަޕޫރުން ދިން މެހުމާންދާރީއަށް އެ ގައުމުގެ ރައީސް ތަރުމަން އާއި ބޮޑުވަޒީރު ލޮރެންސް ވޮންގް އަަށާއި އެ ގައުމުގެ ސަރުކާރަށް އަދި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމާ ދިމާކޮށް ކުރެއްވި ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެއްޖެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރުގެ އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަނަށްވެސް ޒިޔާރަތްކުރައްވާ އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފަ އެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ބައްދަލުކުރައްވާ، ހާލު ބައްލަވާފަ އެވެ.


ކޮމެންޓް