ދިވެހި ރުފިޔާގެ ޑެބިޓް ކާޑުތަކުން އޮންލައިންކޮށް ވިޔަފާރިކުރާ އިރު ބައެއް ސައިޓުތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާ ގޮތަށް ހަމަޖެއްސި ނަމަވެސް ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކުން އެ ފީ ނުނަގާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ފީ ނަގާނެކަން އިއުލާނުކޮށްފައިވަނީ ހަ ވެބްސައިޓަކުންނެވެ. އެއީ ދިވެހިން އެންމެ އާންމުކޮށް ބޭނުންކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. އެ ސައިޓުތަކުން ދިވެހި ރުފިޔާގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ކުރާ ކޮންމެ ޓްރާންސެކްޝަނަކުން ވެސް 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ އެވެ.
ބީއެމްއެލް އިން ބުނީ، ދިވެހި ރުފިޔާގެ ކްރެޑިޓް ކާޑާއި ޑޮލަރުގެ ކްރެޑިޓް ކާޑުން އެ ފީއާ ނުލައި ވިޔަފާރިކުރެވޭނެ ކަމަށެވެ.
އީކޮމާސް ބައެއް ވެބްސައިޓްތަކުން ކުރާ ވިޔަފާރިއަށް ބީއެމްއެލް އިން ފީއެއް ނަގަން ނިންމި ނަމަވެސް އެއާލައިން ޓިކެޓާއި ހޮޓެލް ބުކިން އާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތަކުން ފީއެއް ނުނަގާނެ އެވެ. އަދި ޑޮލަރު އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުގެ ވިޔަފާރިއަށް ވެސް ފީއެއް ނުނަގާނެ އެވެ.
ބީއެމްއެލް އިން ވަނީ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު 500 ޑޮލަރަށް ވެސް ބޮޑުކޮށްފަ އެވެ.
ބީއެމްއެލްގެ ކާޑުގެ ލިމިޓު ބޮޑުކުރި އިރު ކޮވިޑަށް ފަހު ޑެބިޓް ކާޑުތަކުގެ ލިމިޓަކަށް ކަނޑައަޅާފައި އޮތީ 250 ޑޮލަރެވެ. އަދި ކްރެޑިޓް ކާޑުގެ ލިމިޓަކީ 750 ޑޮލަރެވެ. ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބީއެމްއެލްގެ ކްރެޑިޓު އަދި ޑެބިޓު ކާޑުން މަހަކު 1،200 ޑޮލަރު ނެގޭ ގޮތަށް މިދިޔަ ފެބްރުއަރީ މަހު ބަދަލު ގެނެސްފައިވެ އެވެ.

ކޮމެންޓް