ވިޔަފާރި

އޮންލައިން ޓިކެޓަށް ބާރު ބޮޑުވެ, މޯލްޑިވިއަނުން ޕްރިންޓް ޓިކެޓް ވިއްކުން އައްޑު އާއި ލާމުގައި ހުއްޓާލައިފި

ޑިމާންޑް ނެތުމުން ލ.ކައްދު އާއި އައްޑޫގެ މޯލްޑިވިއަންގެ އޮފީހުން ޓިކެޓް އިޝޫ ކުރުން ހުއްޓާލައިފި އެވެ.

ގައުމީ އެއާލައިން ހިންގާ، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިހާރު ގިނަ މީހުން ޓިކެޓް ނަގަނީ މޯލްޑިވިއަންގެ ޓިކެޓް އޭޖެންޓުން މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ވެބްސައިޓުން ކަމަށެވެ. އެހެންވެ އޮފީހަށް ގޮސް ޓިކެޓް ގަތުމުގެ ޑިމާންޑެއް މިހާރު ނެތް ކަމަށެވެ.

ޓިކެޓް އިޝޫކުރުން ހުއްޓާލި ނަމަވެސް، މޯލްޑިވިއަންގެ އެހެން ހިދުމަތްތައް ކައްދު އާއި އައްޑޫގެ އެއާޕޯޓުގައި ހުންނަ މޯލްޑިވިއަންގެ އޮފީހުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ޓިކެޓް، ވެބްސައިޓުންނާއި އެޕްލިކޭޝަން މެދުވެރިކޮށް އަދި ވައިބާ އާއި އީމެއިލް އާއި ކޯލް ސެންޓަރު މެދުވެރިކޮށް ނެގޭނެ އެވެ.

މޯލްޑިވިއަން އިން އެންމެ ފުޅާ ދާއިރާއެއްގައި ހިންގަނީ ޑޮމެސްޓިކް ދަތުރުތަކެވެ. އެ އެއާލައިނުން އަތޮޅު ތެރޭގެ 17 މަންޒިލަކަށް ދަތުރުތައް ކުރެ އެވެ. ރާއްޖޭގެ އިތުރުން ޗައިނާގެ ތިން ސިޓީއަކާއި އިންޑިއާގެ ތިން ސިޓީއެއްގެ އިތުރުން މެލޭޝިއާ އަށް ވެސް މޯލްޑިވިއަން އެއާލައިންގެ ދަތުރުތައް ވަނީ ފުޅާކޮށްފަ އެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 ބޯޓު އެބައޮތެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް ދަތުރު ކުރަން ހާއްސަކޮށްފައިވާ ފަސް އޭޓީއާރް މަތިންދާބޯޓާއި 11 ސީޕްލޭން ހިމެނެ އެވެ.


ކޮމެންޓް