އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް 17.6 ބިލިއަން ރުފިޔާ ލިބި، %8.3 އިތުރުވެއްޖެއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ޖޫން 19ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި، ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 17.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، އެއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %8.3 އިތުރު އަދަދެކެވެ.
ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 13.6 ބިލިއަން ރުފިޔާއެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީގެ %77.4 ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ ތެރެއިން ޓެކުހުގެ ރޭޓްތަކަށް ގެނަވުނު ބަދަލާއި ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %93.8 އިތުރުވެފައެވެ. އަދި އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ %50 އިތުރުވެފައެވެ. ހަމަ އެހެންމެ، ރީއެކްސްޕޯޓް ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީވެސް ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރުވަނީ އިތުރުވެފައެވެ.
ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ލިބުނު އާމްދަނީ %47.7 ވަނީ އިތުރުވެއެވެ. މީގެ މައިގަނޑު ސަބަބަކީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.5 އިތުރުވެ، 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީއެވެ. މި އިތުރުވުމާއި އެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ މިވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %8.3 އިތުރުވެފައެވެ. އާމްދަނީގެ އިތުރުވުމާއި އެކު ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދުވެސް މިވަނީ %45.6 އިތުރުވެފައެވެ.

ކޮމެންޓް