ހަބަރު

ރިސޯޓުތައް މަދު އަތޮޅުތައް ބޮޑެތި ލުއިތަކާއިއެކު ޓޫރިޒަމަށް ހުޅުވާލާފައިވާކަން ރައީސް އިއުލާންކުރައްވައިފި

ގިނަ ރިސޯޓުތަކެއް ނެތް އަތޮޅުތައް ޓޫރިޒަމަށް ހުޅުވާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

ރައީސް މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ޓޫރިޒަމް ފުޅާކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވަމުން ދެއްވި ހިތާބުގައި ވެސް އެކަން ތަކުރާރު ކުރެއްވި ކަމަށެވެ.

އެގޮތުން ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅުގެ އިތުރުން އައްޑޫ ސީޓީ ޓޫރިމަށް މިހާރު ހުޅުވާލާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީ ކުރާނީ އިންވެސްޓަރުންނަށް ހާއްސަ ލުއިތައް ދީގެން ކަމަށެވެ. އަދި އެތަނުގައި މަގުތަކާއި ޓްރާންސްޕޯޓް އަދި އާންމު ހިދުމަތްތައް ތަރައްގީކުރާނެ ކަމަށާއި އެކަން ކުރާނީ ޓޫރިޒަމްއަށް ރަށްތައް ޕްރޮމޯޓް ވެސް ކުރެވޭނެ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މީގެ ސަބަބުން އިތުރު ވަޒީފާތައް އުފެދި އެ ސަރަހައްދުތައް ތަރައްގީ ކުރެވޭނެ ކަމަށެވެ. އަދި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅަކީ ޓޫރިޒަމް ވެސް ފުޅާކުރުމަށް އެންމެ ރަނގަޅު ވަގުތުކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ ގިނަ ރިސޯޓުތަކެއް ނެތް އަތޮޅުތައް ޓޫރިޒަމަށް ހުޅުވާލުމާއި ގުޅޭ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.


ކޮމެންޓް