މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސާއި މާކެޓްތަކަށް ވާސިލުވުމަށް ބޭނުންވާ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކޮށްދޭނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ރަށްތަކުގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ކުރިއެރުން ގެނެސްދޭ ވިޔަފާރިވެރިންނާއި އާއީޖާދުތައް ހޯދާ މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ހިދުމަތް ފާހަގަ ކުރައްވާ ކަމަށެވެ.
"މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމެނޭހެން ފައިނޭންސިންގ އަދި މާކެޓްތަކަށް ވާސިލުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން. މޯލްޑިވްސް އެކްސްޕޯ 2025 ގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، ކުދި ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ މާހައުލު ވަރުގަދަކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނަން." ރައީސް ވިދާޅުވިއެވެ.
2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ވުމަށް މަސައްކަތްކުރާއިރު، މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ މާހައުލެއް ޤާއިމުކުރުމަށާއި އިޤްތިޞާދީ ތަނަވަސްކަން އިތުރުކުރުމަށް ސަރުކާރުން ދެމިއޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
2025 ވަނަ އަހަރުގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރަން އދ.އިން އަންނަނީ ސެވިލާގައި ތަރައްޤީއަށް ފައިނޭންސް ކުރުމާބެހޭ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް (އެފްއެފްޑީ4) އަދި ދޯހާގައި ދެވަނަ ވޯލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް ސަމިޓް ބާއްވަން ތައްޔާރުވަމުންނެވެ. މިއީ ކުރިއެރުމާއި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުހިންމު ދައުރު ފާހަގަކޮށް، އެފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ފައިނޭންސާއި ސިޔާސަތުތަކާއި އަދި އެފަދަ ވިޔަފާރިތަކަށް މަގުފަހިކޮށްދޭ މާހައުލެއް އުފެއްދުމަށް މަޝްވަރާކުރާނެ ބައްދަލުވުންތަކެކެވެ.
އދ.އިން ފާހަގަކުރާ ގޮތުގައި މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ޚާއްސަކޮށް އަންހެނުންނާއި، ޒުވާނުންނާއި، ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް ވަޒީފާއާއި، އާމްދަނީއާއި، ރަށު ފެންވަރުގެ ތަރައްޤީ ގެނެސްދޭ މައިގަނޑު ވަސީލަތްތަކެވެ. މިފަދަ ވިޔަފާރިތަކުގެ ކުޑަ ސައިޒާއި ބަދަލުތަކަށް އަހުލުވެރިވުމުގެ ޤާބިލުކަމުގެ ސަބަބުން ވަރުގަދަ، އިންސާފުވެރި އަދި ދެމެހެއްޓެނިވި މުޖުތަމައުތަކެއް ބިނާކުރުމަށް އެހީތެރިވެދެއެވެ.
ނަމަވެސް، މިފަދަ ގިނަ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަން އދ.އިން ފާހަގަ ކުރެއެވެ. އެފަދަ ވިޔަފާރިތަކަށް ލޯނު ހޯދުމާއި، އިންފްރާސްޓްރަކްޗަރ ހާލަތު ދަށްވުމާއި އުނދަގޫ ހާލަތްތަކުގައި މަސައްކަތްކުރަން ޖެހެއެވެ. ގިނަ ވިޔަފާރިތައް ހިންގަނީ ރަސްމީ ގޮތުން ރަޖިސްޓްރީ ނުކޮށެވެ. މިކަމުގެ ސަބަބުން ފައިނޭންސިންގ، ޤާނޫނީ ޙައްޤުތައް އަދި ސަރުކާރުގެ އެހީތެރިކަން ހޯދުމަށް ހުރަސްތަކާ ކުރިމަތިވާކަން އދ.އިން ފާހަގަ ކުރެއެވެ.
ސިޔާސީ ގޮތުން އުފެދޭ ކަންބޮޑުވުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޖިޓަލް ބަދަލުތަކުގެ ސަބަބުން މިފަދަ ވިޔަފާރިތައް ދެމެހެއްޓުން އިތުރަށް އުނދަގޫވާކަން އދ.އިން ފާހަގަކުރެއެވެ. ސަޕްލައި ޗެއިންގެ މައްސަލަތަކާއި، އަގުތައް މައްޗަށް ދިއުމާއި، މާކެޓްތަކަށް ކުއްލިއަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނަ ވިޔަފާރިތައް ވަނީ ނުރައްކަލުގެ ތެރޭގައިކަމަށާއި ސާފު ފުރުސަތުތައް ހުރި ނަމަވެސް، ދުނިޔޭގެ ފެންވަރުގައި ބޮޑު ފައިނޭންސިންގ ގެޕެއް އަދިވެސް އެބައޮތް ކަމަށް އދ.އިން ބުނެއެވެ.
"މިފަދަ ވިޔަފާރިތަކަށް ކާމިޔާބު ހޯދައިދިނުމަށްޓަކައި، ރަނގަޅު ސިޔާސަތުތަކަކާއި ފަސޭހައިން ލިބެންހުރި ފައިނޭންސިންގ ވަރަށް މުހިންމެވެ. ހުނަރު ދަސްކޮށްދިނުމާއި، އައު ގޮތްތައް ހޯދުމާއި، އިންސާފުވެރި ގަވާއިދުތަކަށްވެސް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. ގިނަ ވިޔަފާރިތައް ހިންގަނީ ރަސްމީ ނިޒާމުން ބޭރުގައި ކަމަށްވާތީ، ރަޖިސްޓްރީކުރުމާއި، އިނާޔަތްތައް ހޯދުމާއި، މަސައްކަތުގެ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރުން ފަސޭހަކޮށްދިނުމަކީ ރަނގަޅު ވަޒީފާތަކާއި ވަރުގަދަ އިޤްތިޞާދުތައް އުފެއްދުމަށް އެހީތެރިވެދޭނެ ކަމެކެވެ." އދ.އިން ބުނެފައި ވެއެވެ.

ކޮމެންޓް