މިއަދު ފެށުނު ހިޖުރީ 1447 ވަނަ އަހަރާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ދިވެހި އަދި އިސްލާމީ އުންމަތަށް ތަހުނިޔާ ފޮނުއްވައިފިއެވެ. އެކަމަނާ މި ތަހުނިޔާ ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޚާއްޞަ ޕޯސްޓެއްގެ ޒަރީޢާއިންނެވެ.
އެކަމަނާގެ ޕޯސްޓުގައި ވަނީ މުޅި އިސްލާމީ އުންމަތަށް އަމާންކަމާއި ހިތްހަމަޖެހުން މާތްﷲ މިންވަރު ކުރައްވާ، އަދި ޚާއްޞަގޮތެއްގައި ދިވެހިރާއްޖެއަށް ނަޞްރާއި ނަސީބު އަބަދުމެ މިންވަރު ކުރައްވައި، ރަޙުމަތް ލެއްވުމަށް އެދި ހެޔޮ ދުޢާ ކުރައްވާފައެވެ.
ހިޖުރީ އައު އަހަރު ފާހަގަކުރެވެނީ، އިސްލާމް ދީނުގެ މަތިވެރި ނަބިއްޔާ، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި މަތިވެރި ޙާދިސާ ހަނދާންކުރުމުގެ ގޮތުންނެވެ. މިއީ އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށް ފެށްޓެވި މަތިވެރި މަސައްކަތްޕުޅުން އެތަކެއް ޢިބްރަތެއް ލިބިގެންދާ ދަތުރުފުޅެކެވެ. މިއަހަރު އިސްލާމީ އުއްމަތާ ބައްދަލުކުރީ ހިޖުރީ 1447 ވަނަ އަހަރާއެވެ.

ކޮމެންޓް