ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގުރުއާން ހިތުދަސް މީހުންނަށް މިހާރު ދެމުން އަންނަ އިނާޔަތް، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދެ ގުނަ ބޮޑުކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.
ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2،000ރ. އެވެ.
ނަމަވެސް، އަލަށް ގެންނަ ބަދަލާއެކު ކޮންމެ މީހަކަށް 4،000ރ. ލިބޭނެ އެވެ. އެހެންވެ، އެ އިނާޔަތަށް މަހަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުން މިދިޔަ އޭޕްރީލް މަހު ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.
ރައީސް ވިދާޅުވީ ހާފިޒުން ތަމްރީނުކުރުމާއި އެ މީހުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ބޮޑުކުރަން ސަރުކާރުން ނިންމައިފި

ކޮމެންޓް