ބޭރުދުނިޔެ

އިސްރާއީލަށް ގެއްލުންވާ ފޮޓޯ އާއި ވީޑިއޯ އެކަކުވެސް ދައްކައިގެން ނުވާނެ: އިސްރާއީލް

އިސްރާއީލަށް ލިބޭ ގެއްލުން ބައިނަލްއަގްވާމީ މީޑިއާތަކުން ދެއްކުން މަނާކުރަން އެ ގައުމުން ނިންމާފައިވާކަމަށް ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓުކޮށްފިއެވެ.


މިއަދު ހެނދުނު އީރާނުން ފޮނުވާލި މިސައިލް އަމާޒުވި ސަރަޙައްދުތަކުން ރިޕޯޓުކުރަމުންދިޔަ ބައެއް ބޭރުގެ ނޫސް އޭޖެންސީތަކުގެ ބްރޯޑްކާސްޓް ފުލުހުން ވަނީ ހުއްޓުވާފައެވެ.

ފުލުހުން ބުނާގޮތުގައި އަލްޖަޒީރާ ނިއުސް ނެޓްވޯކުން ހަމަލާދިން ތަންތަނުގެ "ސީދާ ލޮކޭޝަންތައް" ހާމަކުރިއެވެ. އަލްޖަޒީރާއަކީ މިދިޔަ އަހަރުގެ ކުރީކޮޅުއްސުރެ އިސްރާއީލުގައި މަނާކުރެވިފައިވާ ނެޓްވޯކެކެވެ.

އިސްރާއީލް ފުލުހުންގެ ތަރުޖަމާނަކު ބުނީ "އަލްޖަޒީރާއިން ހުއްދަނެތި އަދި ޤާނޫނާ ހިލާފު ކޮންޓެންޓް ފޮނުވުމަށް ބޭނުންކުރާ ނޫސް އޭޖެންސީތަކާއި ދެކޮޅަށް" ފިޔަވަޅު އެޅުމަށް ޕެޓްރޯލް ޔުނިޓްތައް ފޮނުވުނު ކަމަށެވެ.

ނޭޝަނަލް ސެކިއުރިޓީ މިނިސްޓްރީން ހިއްސާކުރި ވީޑިއޯއެއްގައި ފުލުހުންގެ އޮފިސަރަކު ކެމެރާމަނަކަށް އޭނާގެ ރެކޯޑިން ޑިވައިސް ހަވާލުކުރުމަށް އަމުރުކުރާތަން ފެނެއެވެ.

ކެމެރާމަން އިންކާރުކޮށް، އޭނާއަށް އިބްރީ ބަހުން ބުނާ އަޑު އިވެނީ "މި މިންޒަރުތައް ސީއެންއެން އިން ވެސް ދަނީ ފެންނަމުން، ބީބީސީގައި ދަނީ ފެންނަމުން، އަދި މުޅި ދުނިޔެއަށްވެސް މި މަންޒަރު ދަނީ ފެންނަމުން، އެހެންކަމުން ހަމެޖެހިލާ." ކެމެރާމަން ބުނެއެވެ. އަދި ކެމެރާމަން އެދެނީ ފުލުހުންގެ އޮފިސަރު ތަރުޖަމާނާ ވާހަކަދެއްކުމަށެވެ. އަދި އެހެން ޗެނަލްތަކުން އަލްޖަޒީރާގެ ބްރޯޑްކާސްޓް ބޭނުންކުރާކަމުގައިވާނަމަ އެކަމަކާމެދު އޭނާއަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވެސް ބުނެއެވެ.

ފުލުހުންގެ ތަރުޖަމާނެއް ބުނާގޮތުގައި މި ނިންމުން ނިންމާފައިވަނީ "ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމާރު ބެން-ވީރުގެ ސިޔާސަތާ އެއްގޮތަށް އަދި ޕޮލިސް ކޮމިޝަނަރު ޑެނީ ލެވީގެ އިރުޝާދުގެ ދަށުން" ނެވެ.

މި ހަފްތާގެ ކުރީކޮޅު، ހައިފާ ސަރަހައްދުގައި މިސައިލް އަމާޒުވި ތަންތަން ބްރޯޑްކާސްޓްކުރުމަށްފަހު ބޭރުގެ ޓީވީ ކްރޫތަކުގެ އޮފީސްތަކަށް ފުލުހުން ވަދެފައިވެއެވެ.

ބެން-ވީރު ވަނީ މިސައިލް އަމާޒުވާ ތަންތަނުގެ ލޮކޭޝަން ބްރޯޑްކާސްޓް ކުރާ ބޭރުގެ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ވައުދުވެފައެވެ.

ޕެޓާ ޓިކްވާގައި ހުންނަ މިސައިލް އިމްޕެކްޓް ސައިޓަކުން އަންގާރަ ދުވަހު އޭނާ ވިދާޅުވީ އިސްރާއީލް ސްޓޭޓްގައި މިސައިލްތަކުގެ ސީދާ ލޭންޑިން ޕޮއިންޓްތައް ދައްކާ ބްރޯޑްކާސްޓްތަކަކީ ދައުލަތުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.


ކޮމެންޓް