ހަބަރު

ދަރިމައިވުމާއި ގުޅޭ ތަމްރީނު ސްކޮލާޝިޕްތަކެއް ދިވެހި ޑޮކްޓަރުންނަށް ދޭން ނިންމައިފި

މެކް ފައުންޑޭޝަނާ ގުޅިގެން ދިވެހިން ޑޮކްޓަރުންނަށް ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލާޝިޕްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެ ފުރުސަތު ރާއްޖޭގެ ޑޮކްޓަރުންނަށް ލިބިފައިވާކަން އެކަމަނާ ހާމަކުރެއްވީ ދުބާއީގައި ބޭއްވި މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތް ވަނަ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެކް ފައުންޑޭޝަނުގެ "މޯ ދެން އަ މަދާ" ކެމްޕެއިނުގެ އެމްބެސެޑަރަކަށް އެކަމަނާ ހަމަޖެއްސެވުމުން އެކަމަށް ޝުކުރު އަދާކުރައްވައި، ސާޖިދާ ދެއްކެވި ވާހަކަފުޅުގައި ސާޖިދާ ވަނީ ދަރިމައިވުމާ ގުޅޭ ޓްރެއިނިން ސްކޮލާޝިޕްތަކެއް ދިވެހިން ޑޮކްޓަރުންނަށް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި އެ ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން މަދުވުމުގެ ދަތިކަން ރާއްޖޭގައި އެބަ އޮތެވެ.

އެ ސަމިޓުގައި، ރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ސާޖިދާ ވަނީ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ދިގު މުއްދަތުގެ ޓެކްނިކަލް ޕާޓްނަޝިޕްތައް ގާއިމުކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފަ އެވެ.

މީގެ އިތުރުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި ކެންސަރު ސްކްރީނިން އާއި ނަފްސާނީ ސިއްހަތާ ގުޅުންހުރި ހިދުމަތްތައް ރަނގަޅު ކުރުމުގެ އިތުރުން ސިއްހީ ދާއިރާގައި އަންހެނުންގެ ލީޑާޝިޕަށް އެހީތެރިވުމާ ގުޅޭ ގޮތުން ވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.

ސާޖިދާ ވަނީ މީގެ ކުރިން އެ ފައުންޑޭޝަނާ ގުޅިގެން ދަރިމައިވުމާ ގުޅޭ މައްސަލަތަކާއި ޖިންސީ ތަފާތުކުރުންތަކާ ގުޅޭ އަނިޔާ އާއި އަންހެނުން ބާރުވެރިކުރުވުމާއި ހަކުރު ބައްޔާއި ހައިޕަޓެންޝަން ފަދަ މައްސަލަތަކަށް ހޭލުންތެރިކުރުމަށް ޕްރޮގްރާމުތައް ހިންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ސަމިޓަކީ އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ ސަމިޓެކެވެ.


ކޮމެންޓް