ބޭރުދުނިޔެ

ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ، ވަރުގަދަ ޙަމަލާއެއް ދޭނަން - ޙިޒްބުالله

އިސްރާޢީލާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެއްޖެނަމަ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ވަރުގަދަ ޙަމަލާއެއް ދޭނެ ކަމަށް ބުނެ ޙިޒްބުالله އިން އިންޒާރު ދީފިއެވެ.

ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ބައިވެރިނުވުމަށް ކަތާއިބް ޙިޒްބުاللهން މި ވަނީ އެމެރިކާއަށް ގޮވައިލާފައެވެ. އަދި، ގޮވައިލުމާ ޚިލާފުވެއްޖެ ނަމަ، އަދި ޔަހޫދީންނާ ބައިވެރިވާން ފަށައިފި ނަމަ، އެމެރިކާގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދޭން ފަށާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ޙިޒްބުالله އަކީ އިރާޤުގައި މި ވަގުތު ހަރަކާތްތެރިވަމުންދާ އެންމެ ބާރުގަދަ އަދި ނުރައްކާތެރި ހަތިޔާރު އެޅި ޖަމާޢަތެވެ. އަދި، އެއީ އީރާނުން ވާގިވެރިވާ 'އެކްސިސް'ގައި ހިމެނޭ މުހިންމު ލަޝްކަރެކެވެ.ޢިރާޤުގައި އެމެރިކާއިން ޤާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒުތަކާއި އެ ޤަމުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނަށް އަމާޒުކޮށް ކަތާއިބް ޙިޒްބުاللهން މީގެ ކުރިން ވެސް ނުރައްކާތެރި ޙަމަލާތަކެއް ދީފައިވެއެވެ.

ޢިރާޤުގެ އިތުރުން ސޫރިޔާގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ވެސް ކަތާއިބް ޙިޒްބުاللهން ޙަމަލާތަކެއް ދީފައިވާއިރު، އެއީ ނުރައްކާތެރި މިސައިލާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ދީފައިވާ ޙަަމަލާތަކެކެވެ.

ކަތާއިބް ޙިޒްބުاللهއަކީ އީރާނުން ވާގިވެރިވާ 'އެކްސިސް އޮފް ރެސިސްޓެންސް'ގައި ހިމެނޭ ބިޔަ އަދި ބާރުގަދަ ލަޝްކަރެކެވެ.


ކޮމެންޓް