ހަބަރު

އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް ކެންސަލްކޮށްފި

އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް ކެންސަލްކޮށްފިއެވެ. މި ދެ ގައުމު ގުޅިގެން ފަށާފައިވާ މަޝްވަރާތަކުގެ ހަވަނަ ބުރު މިއަދަށް ތައާވަލު ކޮށްފައި އޮތް ނަމަވެސް އެ ބައްދަލުވުން ކެންސަލްކޮށްފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މަޝްވަރާތަކުގެ މެދުވެރިޔާ، އޮމާންގެ އޮފިޝަލުން ވަނީ މިއަދުގެ ބައްދަލުވުން ކެންސަލް ކޮށްފައިވާކަން ރަސްމީކޮށް އިއުލާނު ކޮށްފައެވެ.


އިރާނާއި އެމެރިކާ ގުޅިގެން ފަށާފައިވާ ނިއުކްލިއާ މަޝްވަރާތަކަށް ބުރޫ އަރާފައި މިވަނީ އިސްރާއީލުން އިރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެމެރިކާ އާއި އިސްރާއީލުގެ އިތުރުން ހުޅަނގުގެ ގައުމުތަކުން ޒަމާނުއްސުރެ ދަނީ އިރާނުން ނިއުކްލިއާ ހަކަތަ ފައްކާކޮށް ނިއުކްލިއާ ހަތިޔާރު އުފައްދަމުން ދާކަމަށް ތުހުމަތުކުރަމުންނެވެ. ނަމަވެސް އިރާނާއި އެމެރިކާއިން ވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެން އިރާނުން ހިންގާ ނިއުކްލިއާ ހަރަކާތްތަކާ ގުޅޭ މަޝްވަރާތަކެއް ފަށައިފައެވެ.

އިސްރާއީލުން އިސްވެ އިރާނަށް މިދިޔަ ހުކުރު ދުވަހު ދޭން ފެށި ހަމަލާތައް އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް އަމާޒުކޮށްފައިވާއިރު އިރާނުގެ ފޮރިން މިނިސްޓަރު ވަނީ އެ ބައްދަލުވުމުގައި ބައިވެރިވުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.


ކޮމެންޓް