ހަބަރު

ފިޗުން ރާއްޖޭގެ ކުރިޑިޓް ރޭޓިންގ ދަމަހައްޓައިފި

ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން 'ސީސީ' ގައި ދަމަހައްޓައިފިއެވެ. މި ނިންމުމުގައި އާމްދަނީ އިތުރުވުމާއި، ބޭރު ފައިސާގެ ރިޒާވް ރަނގަޅުވުމާއި، އަދި ހަރަދުތައް ބެލެހެއްޓުން ފާހަގަކޮށްފައިވެއެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް، ރާއްޖެއިން ވަނީ ޖުމްލަ 71.0 މިލިއަން އެމެރިކާ ޑޮލަރުގެ ފިސްކަލް ސާޕްލަސްއެއް ރެކޯޑުކޮށްފައެވެ. މިއީ އާމްދަނީ ހޯދުމުގެ ޕަރފޯމަންސް ރަނގަޅުވުމާއި ސަރުކާރުން ތަންފީޒުކުރި ބަޖެޓް ކޮންޓްރޯލްތަކުގެ ނަތީޖާއެކެވެ.

މި ނަތީޖާތަކުން ދައްކުވައިދެނީ ޒިންމާދާރު މާލީ ކަންކަމާއި ހަރުދަނާ ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓަކަށް އައިސްފައިވާ ބަދަލެވެ.

ރޭޓިން އޭޖެންސީން އިތުރަށް ފާހަގަކޮށްފައިވަނީ، މެދު ރާސްތާގެ މާލީ އަދި ދަރަނީގެ ސްޓްރެޓެޖީތައް އެކުލަވާލުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ. މިއީ ދައުލަތުގެ މާލިއްޔަތު ދެމެހެއްޓެނިވި މަގެއްގައި ބެހެއްޓުމަށް ކުރެވޭ މަސައްކަތްތަކެކެވެ.

ސަރުކާރުގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް އިންވެސްޓްމަންޓް މާހައުލު ރަނގަޅުކުރުމަށް ގެނެވޭ ސްޓްރަކްޗަރަލް އިސްލާހުތަކުގެ އެހީގައި ދައުލަތުގެ ދަރަނި ދަށަށް ދާނެ މަގެއް ހޯދުމެވެ.

ސަރުކާރުން ޔަގީންކޮށްދެނީ މާލީ ޒިންމާދާރުކަމާއި ދުރު ރާސްތާގެ މާލީ ދުޅަހެޔޮކަމަށް ސަރުކާރުން ފުރިހަމައަށް އަޒުމު ކަނޑައަޅާފައިވާކަމެވެ.


ކޮމެންޓް