ހަބަރު

ސަލާމަތީ ބާރުތަކުގެ ވެރިން ބައްދަލުކޮށްފި

އިއްޔެ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވި އިސްމާއީލް ނަވީން އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ސިފައިންގެ މައި މަރުކަޒުގައި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ ނަވީން، ޗީފް އޮފް ޑިފެންސް ފޯސްއަށް ތައާރަފު ވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްކަމަށް ފުލުހުން ބުނެއެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިކަމަށް ފުލުހުން ބުނެއެވެ. ހާއްސަކޮށް، ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޝްވަރާކުރިކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، މުޅި ގައުމުގެ މަސްލަހަތާއި ސުލްހަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށާއި، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުންމަތީ ދެމިތިބެ، މި މަގުން ގުޅިގެން އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުންވެސް ސީޕީ އާއި ޗީފް އޮފް ޑިފެންސް ފޯސް މަޝްވަރާކުރެއްވިކަމަށް ފުލުހުން ބުނެއެވެ.


ކޮމެންޓް