ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމާއި ހަމީދަށް މަޖިލީހުން ރުހުން ދީފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ދެބޭފުޅުންގެ ނަމަށް ރުހުން ހޯދަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފަނޑިޔާރު ސަލީމާ އެއްކޮޅަށް 61 މެންބަރަކު ވޯޓު ދެއްވި އެވެ. ފަނޑިޔާރު ހަމީދާ އެއްކޮޅަށް 60 މެންބަރަކު ވޯޓު ދެއްވި އެވެ. އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.

ފަނޑިޔާރު ސަލީމާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް މިއަދުގެ ޖަލްސާގައި ވޯޓު ދެއްވި އެވެ. އެ ދެ ބޭފުޅުންގެ ނަމަށް ރުހުން ދޭން ޖުޑިޝަރީ ކޮމިޓީން ވެސް ނިންމީ އެމްޑީޕީގެ މެންބަރުންގެ ތާއިދާ އެކު އެވެ.

ސުޕްރީމް ކޯޓުގެ ދެ މަގާމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކޮށްފައިވާއިރު، އެންމެ ގިނައިން މާކްސް ދިނީ ފަނޑިޔާރު ސަލީމާއި ހަމީދަށެވެ.

އިންޓަވިއުގައި މާކްސް ދިން ތަރުތީބުން އެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ޖޭއެސްސީން ވެސް ނިންމާފައިވެ އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.

ޖޭއެސްސީން ލިސްޓްގެ އެންމެ ކުރިއަށް ލާފައިވާ ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.  ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރު އެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.

އޭނާ ފަނޑިޔާރު ކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަނެ, އޭގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވި ކަމަށް ބުނާ މައްސަލައެއްގަ އެވެ.


ކޮމެންޓް