ބިލިއަނަރ އެލޮން މަސްކާއި އޮތް ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ އެމްބީސީ ނިއުސް އިން ވަނީ މަސްކާއެކު އޮތް ގާތް ގުޅުން ނިމުމަކަށް އައިސްފައިވާކަމަށް ހީވޭތޯ ޓްރަމްޕާއި ސުވާލުކޮށްފައެވެ.
ޖަވާބުގައި ޓްރަމްޕް ވިދާޅުވީ، "އަހަރެން ހިތުން އެހެން ވާނެ، އާނ" މިހެންނެވެ.
ދެ ބޭފުޅުންގެ ނިމުމަކަށް އައިސްފައިވ/ ގުޅުން އަލުން ރަނގަޅުކުރަން ބޭނުންތޯ ސުވާލުކުރުމުން ޓްރަމްޕް ވަނީ "ނޫން" ކަމަށް ވިދާޅުވެފައެވެ.
މިއީ ސޯޝަލް މީޑިއާގައި ޓްރަމްޕާއި މަސްކާ ދެމެދު ހިނގި ބޮޑު ޖަދަލަކަށްފަހު ޓްރަމްޕް ދެއްކެވި އެންމެ ފަހުގެ ވާހަކަތަކެވެ.
މިކަން ދިމާވީ ޓްރަމްޕްގެ އިންތިޚާބީ ކެމްޕޭނަށް އެތައް މިލިއަން ޑޮލަރެއްގެ އެހީތެރިކަން ފޯރުކޮށްދީ، ވައިޓް ހައުސްގެ އެހީތެރިއަކަށް ކުރިން ހުރި ޓެކް ބިލިއަނަރު މަސްކް، ޓްރަމްޕްގެ ޓެކްސް އަދި ޚަރަދުކުރުމުގެ ބިލުގެ މުހިންމު ޑޮމެސްޓިކް ސިޔާސަތަކަށް ހާމަކަން ބޮޑު ގޮތެއްގައި ފާޑުކިޔުމާ ގުޅިގެންނެވެ.
މި މައްސަލާގައި ޓްރަމްޕާއި ދެކޮޅަށް މަސްކު ތެދުވުމުން ގިނަ އެމެރިކާގެ ވެރިކަމުގައި ތިބި ރިޕަބްލިކަނުން ވަނީ ރައީސް ޓްރަމްޕްގެ ފަހަތުގައި ތިބިކަން ހާމަކޮށްފައެވެ. އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް ވިދާޅުވެފައިވަނީ މަސްކް "ވަރަށް ނިއުކްލިއަރ" ވެފައިވާ ކަމަށާއި އޭނާއަށް އަލުން ސަރުކާރުގެ ތެރެއަށް އައުމުގެ ފުރުސަތު ނުލިބިދާނެ ކަމަށެވެ.
ޓެސްލާ އަދި ސްޕޭސްއެކްސްގެ ސީ.އީ.އޯ ޓްރަމްޕަށް ފާޑުކިޔުމަކީ "ވަރަށް ބޮޑު ކުށެއް" ކަމަށް ވޭންސް ޕޮޑްކާސްޓަރ ތިއޯ ވޮންއަށް ވިދާޅުވިއެވެ.
މަސްކް ވަނީ ކޮންގްރެސް ތެރެއިން ކުރިއަށްދިޔަ ޓްރަމްޕްގެ ސޮއިކުރެއްވި ޤާނޫނު "ބިގް ބިއުޓިފުލް ބިލް" ގެ ނަމުން މަޝްހޫރުވެފައިވާ ބިލަށް ހަފްތާތަކެއް ވަންދެން ފާޑުކިޔަމުން ގެންގޮސްފައެވެ.
މަސްކް ބުނެފައިވަނީ، މި ބިލު ފާސްވެއްޖެނަމަ، ގައުމުގެ ދަރަނި ޓްރިލިއަން ޑޮލަރުތަކަކުން އިތުރުވެ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އޭނާ ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝެންސީ (ޑޯޖު)ގެ ވެރިއެއްގެ ގޮތުގައި ކުރި މަސައްކަތް "ބާޠިލު" ވެގެންދާނެ ކަމަށެވެ.
129 ދުވަހު ޑޯޖްގައި މަސައްކަތްކުރުމަށްފަހު، މަސްކް އޭނާގެ ސޯޝަލް މީޑިއާ ސައިޓް އެކްސްގައި ޕޯސްޓްކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ބިލަކީ "ނުބައި ނުލަފާ އެއްޗެއް" ކަމަށެވެ. ނަމަވެސް ސީދާ ޓްރަމްޕަށް ފާޑެއް ނުކިޔައެވެ.
ނަމަވެސް ބުރާސްފަތި ދުވަހު، ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވެފައިވަނީ މަސްކްގެ އަމަލުތަކާމެދު "ހިތްހަމަނުޖެހޭ" ކަމަށެވެ.
މަސްކް މިއަށް ޖަވާބުދެއްވީ އެކްސްގައި ގިނަ ޕޯސްޓްތަކެއް ކުރައްވައިގެންނެވެ. އޭނާ ނެތި ޓްރަމްޕަށް އިންތިޚާބު ކާމިޔާބު ނުކުރެވުނީސް ކަމަށާއި، ޖަލުގައި މަރުވި، ޖިންސީ ވިޔަފާރީގެ ދައުވާތަކާ ކުރިމަތިލާންޖެހުނު ޖެފްރީ އެޕްސްޓީންގެ ފައިލްތަކުގައި ޓްރަމްޕް ހިމެނޭ ކަމަށް ތުހުމަތުކުރެއްވިއެވެ.
އޭނާ މިހާރު ވަނީ އެ ޕޯސްޓް ޑިލީޓްކުރައްވާފައެވެ. އަދި އެޕްސްޓީންގެ ވަކީލު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.
ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތު ސޯޝަލްގައި ޖަވާބުދެއްވަމުން ވިދާޅުވެފައިވަނީ މަސްކް "ބުއްދި ގޯސްވެފައި" ވާ ކަމަށެވެ. އެއް ޕޯސްޓެއްގައި މަސްކްގެ ފެޑެރަލް ސަރުކާރުގެ ކޮންޓްރެކްޓްތައް ކަނޑާލާނެ ކަމަށް އިންޒާރުދެއްވިއެވެ.
ހޮނިހިރު ދުވަހު އެން.ބީ.ސީ ނިއުސްއަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވެފައިވަނީ މަސްކް "ރައީސްގެ މަޤާމަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވާ" ކަމަށެވެ.
"އަހަރެން ހިތުން މިއީ ވަރަށް ނުބައި ކަމެއް، އެއީ އޭނާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވާތީ. ރައީސްގެ މަޤާމަށް ނުރުހުން ފާޅުކޮށްގެން ނުވާނެ" ޓްރަމްޕް ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ، ޓްރަމްޕްގެ ރިޔާސީ ކެމްޕޭނަށް ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ހަދިޔާކުރި މަސްކް، ސޯޝަލް މީޑިއާގެ ޖަދަލުގައި ހުށަހަޅުއްވާފައިވަނީ އަންނަ އަހަރުގެ މެދުތެރޭގެ އިންތިޚާބުގައި ޓްރަމްޕްގެ ބައެއް ވާދަވެރިންނަށް އެހީތެރިވެދާނެ ކަމަށެވެ. އަދި ޓްރަމްޕްގެ ޓެކްސް ބިލަށް ތާއީދުކުރި މެމްބަރުންނާ ވާދަކުރާ ކެންޑިޑޭޓުންނަށް އެހީތެރިވެދާނެ ކަމަށެވެ.
ޑިމޮކްރެޓިކް ކެންޑިޑޭޓުންނަށް މަސްކް އެހީތެރިވެދާނެ ކަމުގެ އިހްތިމާލާ ބެހޭގޮތުން އެއްސެވުމުން، ޓްރަމްޕް ވިދާޅުވެފައިވަނީ އެކަމުގެ ސަބަބުން "ސީރިއަސް ނަތީޖާތަކަކާ" ކުރިމަތިލާންޖެހިދާނެ ކަމަށެވެ.

ކޮމެންޓް