އަރމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަހުމަދު މަހުލޫފު ހޯދި ކާމިޔާބަކީ ދިވެހި ގައުމަށް ލިބުނު ބޮޑު ފަހުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާމޭނިއާގައި ކުރިއަށް ދިޔަ ޔޫތު އޯޕަން ބެޑްމިންޓަން މުބާރާތުގައި ލައިބާ ވަނީ މުބާރާތުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓްތަކުން ތިން ރަން މެޑަލް ހޯދާފަ އެވެ.
މިއީ ދިވެހި ބެޑްމިންޓަން ތާރީހުގައިވެސް އެއް މުބާރާތަކުން ދިވެހި ކުޅުންތެރިޔަކު ހޯދި އެންމެ ބޮޑު ކާމިޔާބެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ބައިނަލްއަގްވާމި މުބާރާތަކުން 3 ރަން މެޑަލް ހާސިލްކޮށްފައިވާތީ ލައިބާ އަށް މަރުހަބާ ވިދާޅުވެ، ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަގުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށް ވިދާޅުވެފަ އެވެ.
އަދި ލައިބާއަށް އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން ރައީސް ވަނީ ލައިބާއަށް ހިތްވަރު ދެއްވާފަ އެވެ.
މިއީ ލައިބާ މި އަހަރު ވާދަކުރި ބެޑްމިންޓަން ޔޫރަޕް ޖޫނިއާ ކަލަންޑަރުގައި ހިމެނޭ ތިންވަނަ މުބާރާތެވެ. އޭނާ ވަނީ މޮލްޑޯވާގެ މުބާރާތުން މިކްސްޑް ޑަބަލްސް ރިހި މެޑަލް އަކާއި ޑަބަލްސް އިން ބްރޯންޒް މެޑަލް އެއް ހޯދައިފަ އެވެ. އަދި އިޓަލީގައި އޮތް މުބާރާތުން ވަނީ ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

ކޮމެންޓް