ހަބަރު

ޓޫރިޒަމުން 6 ބިލިއަން ޑޮލަރު ހޯދުމަށް އަމާޒުހިފައިފި

ދެހާސް ހަތާވީސް ވަނަ އަހަރާ ހަމައަށް ޓޫރިޒަމުން 6 ބިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބުރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަސްވަނަ ޓޫރިޒަމް މާސްޓާ ޕުލޭންގައި ހިމެނޭ މުހިންމު އެއް ސިޔާސަތަކީ 2027 ވަނަ އަހަރާ ހަމައަށް ޓޫރިޒަމުން 6 ބިލިއަން ޑޮލަރު ހޯދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުފަތުރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ 80 ޕަސަންޓަކީ ގުދުރަތީ ރީތިކަން ބަލަން އަންނަ މީހުން ކަމަށާއި، 6 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒަށް ވާސިލުވެވިއްޖެނަމަ ރާއްޖޭގެ އިކޮނޮމީއަށް ބޭރު ފައިސާ އިތުރަށް ލިބި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރު 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށާއި، މިހޮނިހިރު ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އެއް މިލިއަނަށް އަރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.


ކޮމެންޓް