އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތް الله އާއި އެކަލާނގެ ރަސޫލާގެ އެންގެވުންތަކާ ދުރުހެލިވުންކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ ހައްޖުގެ އަޅުކަމުން އަހަރެމެންނަށް ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން إِبْرَاهِيْم عَلَيْهِ السَّلَامގެ ވާހަކަތައްކަމަށެވެ. إِبْرَاهِيْم عَلَيْهِ السَّلَام އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން، ޤުރުބާންކުރެއްވުމަށް މާތް الله ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވި ހާދިސާއިން ހާސިލުކުރަންޖެހޭ އިބްރަތްތެރި ފިލާވަޅުތައް ހުތުބާގައިވަނީ ފާހަގަކޮށްފައެވެ.
ހުތުބާގައި ބުނީ އެ ދުވަހު إِسْمَاعِيْلُ عَلَيْهِ السَّلَام ދެއްކެވި ކިޔަމަންތެރިކަމަކީ އަހަރެމެންގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއްކަމަށެވެ.
" މައިންބަފައިންނަށް ކިޔަމަންގަންނާން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެކެވެ. އިސްމާޢީލުގެފާނަށް ލިބިވަޑައިގެންފައިވާ ތަރުބިޔަތުގެ ރަނގަޅުކަމާއި ހެޔޮކަމެވެ. "
މިއަދު ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސް ނާހާ ވާހަކަ އަޑު އިވޭކަމަށާއި ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދަން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމުގައި ހެދުމަށް ހުތުބާގައިވަނީ އިލްތިމާދްކޮށްފައެވެ.
މިއަދު ޢީދު ފާހަގަ ކުރާއިރު إِبْرَاهِيْم عَلَيْهِ السَّلَامއާއި إِسْمَاعِيْلُ عَلَيْهِ السَّلَام ވެވަޑައިގަތް މަތިވެރި ޤުރުބާނީއިން ޢިބުރަތް ޙާޞިލުކުރާން ޖެހޭކަމަށާއި އެއީ މާތް اللهއަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެއްކަމަށް ހުތުބާގައި ބުންޏެވެ. އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތް اللهއާއި އެކަލާނގެ ރަސޫލާގެ އެންގެވުންތަކާ ދުރުހެލިވުންކަމަށާއި ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުންކަމަށް ހުތުބާގައި ބުންޏެވެ.
"ކީރިތި ރަސޫލާ ގެ ޞަޙާބީންގެ ކުރިފުޅު މަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައި، ކިޔަމަންގަތީ ކީއްވެގެންތޯއެވެ! އިސްލާމް ދީނަށް ފައުޖުފައުޖަށް މީސްތަކުން ވަނީ ކީއްވެގެންތޯއެވެ! އެ ބޭކަލުންގެ މުއްސަނދިކަމަކުން ނޫނެވެ. އެ ބޭކަލުންގެ ހަށިކޮޅުތައް ވަރުގަދަކަމަކުން ވެސް ނޫނެވެ. އެކަމަކު އެ ބޭކަލުންގެ އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަމުގެ ސަބަބުންނެވެ.".
ހުތުބާ ނިންމާލާފައިވަނީ މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށާއި، އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެ ދިރިއުޅުމަށާއި، އުންމަތް އާރާސްތުކުރުމަށް ޓަކައި އަޒުމު ކަނޑައެޅުމަށް ގޮވާލަމުންނެވެ.
އިސްލާމީ އުންމަތް ނިކަމެތިވަނީ ނަބިއްޔާގެ އެންގެވުންތަކާ ދުރުހެލިވުން: އީދު ހުތުބާ

ކޮމެންޓް