ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވުމުން އަވަހަށް ފަސިންޖަރުން ޗެކިން ވާން އެމްއޭސީއެލް އިން މިއަދު އެދެފި އެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެއާޕޯޓުގެ އާ ޓާމިނަލާ ގުޅޭ މަގުތަކުގެ މަސައްކަތްކުރާތީ އާއި ގިނަ ބަޔަކު ފުރަން ދާތީ މިއަދަކީ އެ އެއާޕޯޓަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށެވެ. އެހެންވެ، ފަސިންޖަރުން ޗެކިން ގަޑި ފެށޭ ވަގުތަށް އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެއާޕޯޓަށް ބާރުބޮޑުވެފައިވާއިރު، އީދު ބަންދާ ދިމާކޮށް މިއަދާއި މާދަމާ ގިނަ ބަޔަކު ރަށްރަށަށާއި ރާއްޖެއިން ބޭރަށް ވެސް ފުރާނެ އެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ މާދަމާ އެވެ. އަދި އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.
ހައްޖު ދުވަހާއި އީދު ދުވަހާ އެކު، އީދު ބަންދަށް މިފަހަރު ފަސް ދުވަހުގެ ބަންދެއް ލިބެ އެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލުގެ ބައެއް އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެހެންވެ، އެ ޓާމިނަލް ހުޅުވަންވާއިރަށް، އެތަނާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް މި ދުވަސްވަރު އަންނަނީ ކުރަމުންނެވެ.

ކޮމެންޓް