ޖާހު އިންވެސްޓްމެންޓުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ "ދަ ގާޑަންސް" މަޝްރޫއުގެ ފްލެޓްތައް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް އާރުސީސީއާއި ހަވާލުކޮށްފައި ވާއިރު "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމުމަށް އެޗްޑީސީން ވަނީ ޖެނުއަރީ މަހު 23 ގައި ޖާހު ކުންފުންޔަށް އެންމެ ފަހުގެ ނޯޓިސްވެސް ދީފަ އެވެ.
މީގެ އިތުރުން މި ފްލެޓްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެ މަޝްރޫއު އަތުލަން އެކިފަހަރުމަތިން އެޗްޑީސީން ވަނީ ޖާހު އަށް ނޯޓިސްވެސް ދީފައެވެ. އަދި އެތަން ހަވާލުކުރަން އެޗްޑިސީން މިދިޔަ މާޗްމަހުގެ 16 ވަނަ ދުވަހު ޖާހު އަށް ވަނީ އަންގާފަ އެވެ.
އެޗްޑީސީއިން ކުރިން ބުނީ 2017 ވަނަ އަހަރު އެ ކުންފުނިން ހުޅުމާލެގައި ފެށި މި މަޝްރޫޢު ނިންމުމަށް އެކި ފަހަރުމަތިން މުއްދަތު އިތުރު ކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެ މުއްދަތުތަކުގެ ތެރޭގައި މި ޕްރޮޖެކްޓް މިހާތަނަށް އަދިވެސް ނުނިމޭތި، އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށް، އެންމެ ފަހު މަރުހަލާގެ ދަށުން ޤާނޫނީ ނޯޓިސް ދޭން ބޯޑުން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެވެ.
އަދި މި މުއްދަތުގެ ތެރޭގައި ޖާހު ކުންފުނިން މި ޕްރޮޖެކްޓް ނުނިންމައިފިނަމަ، އެޗްޑީސީއާއި އެ ކުންފުންނާއި މެދު ވެވުނު އެއްބަސްވުން ބާތިލުކޮށް، އެ ކުންފުނީގެ އަތުން ޕްރޮޖެކްޓް އަތުލަން ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެޗްޑީސީއިން މިފަދައިން ބުނެފައިވާއިރު، މި މަޝްރޫޢުއަށް ހަތް އަހަރުވީއިރު ވެސް އެ ފްލެޓްތަށް ނިންމާފައި ނުވާތީ އެތަނުން ފްލެޓްތައް ގަތް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެ ފަރާތްތަކުން ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައިވާއިރު އެ ސިޓީއާ ގުޅިގެން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނިީ މިދިޔަ ހަފްތާގައި، ޖާހު ފްލެޓުތައް ނުނިމި ލަސްވާތީ ފްލެޓްތަކުގެ މައްސަލަ ހައްލުކޮށްދިނުމަށް އެދިވަޑައިގެން ސިޓީއެއް، އެޗްޑީސީއަށް ވެސް ފޮނުވާފައެވެ.
"ދަ ގާޑަންސް" ޕްރޮޖެްކްޓުގެ ދަށުން 83 އެޕާޓްމަންޓްގެ މަޝްރޫޢު 2017 ވަނަ އަހަރު ފަށާފައިވާއިރު، މި ޕްރޮޖެކްޓް ނިންމުމަށް ދެވުނު ފުރަތަމަ މުއްދަތަކީ، 2019 ވަނަ އަހަރުގެ ފެބްރުއަރީއަށެވެ. އަދި އެނގިފައިވާގޮތުން އޭގެ ފަހުން 20 ފަހަރު މި މުއްދަތު އިތުރުކޮށްދީފައިވާއިރު، މި މަސައްކަތް ކުރިއަށް ނުދާތީ އަލުން މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް 2023 ވަނަ އަހަރުގެ ފަހުކޮޅު އެޗްޑީސީއިން ވަނީ "އަލްޓްރާ ގޮރޫޕް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޔަކާ ހަވާލުކޮށްފައެވެ.
މި މަސައްކަތް އެފަރާތުން ހަމަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށް ބުނެފައިވާއިރު، އެޗްޑިސީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތަށް ދޮޅު އަހަރު ވީއިރު ވެސް އެ މަޝްރޫޢު ނިމިފައެއް ނުވެއެވެ.

ކޮމެންޓް