އދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.
އެ މަޖިލީހުގެ ކޮންމެ ސެޝަނަކަށް އޭޝިއާ ޕެސިފިކް ގުރޫޕުގެ ތެރެއިން ފަސް ނައިބު ރައީސުން އިންތިހާބުކުރެ އެވެ.
ރާއްޖޭގެ އިތުރުން، އަނެއް ހަތަރު ގޮނޑިއަށް ކުރިމަތިލި، ބަންގްލަދޭޝް އާއި ލުބުނާނާއި ސައޫދީ އަރަބިއްޔާ އާއި ޓިމޯ-ލެސްޓް ވަނީ މިރޭ ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި އިންތިހާބު ކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އދ. ގެ މެންބަރުކަން ރާއްޖެ އަށް ލިބުނުތާ އަންނަ ސެޕްޓެމްބަރު މަހު 60 އަހަރު ފާހަގަކުރާތީ، އދ. ގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވުން އިތުރަށް ހާއްސަވާ ކަމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ނައިބު ރައީސުންގެ މައިގަނޑު މަސްއޫލިއްޔަތަކީ، އެ ސެޝަންގެ ރައީސެއް ނެތް ހާލަތެއްގައި، ނުވަތަ ރައީސަށް ސެޝަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި ވަގުތީ ރައީސްގެ ހައިސިއްޔަތުން ރައީސްގެ ޒިންމާތައް އަދާކުރުމެވެ.
މީގެ އިތުރުން އދ. ގައި ހިންގާ މުހިންމު އަދި ބޮޑެތި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ މަސައްކަތް ވެސް ނައިބު ރައީސުންނާ ހަވާލުކުރެވެ އެވެ. ސަފީރުންނާއި ތަޖުރިބާކާރުންނާ އެކު ބާއްވާ އދ. ގެ ނުރަސްމީ ޕްލެނަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
ރާއްޖެ އިންތިހާބުވުމާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ވިދާޅުވީ، ރާއްޖޭގެ ބައިވެރިންނާ ގުޅިގެން، އާންމު މަޖިލީހުގެ 80 ވަނަ ސެޝަން ކާމިޔާބު ސެޝަނަކަށް ހެދުމުގައި ރާއްޖޭން ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަދި ރާއްޖެ އަށް އދ. ގެ މެމްބަރުކަން ލިބުނުތާ 60 އަހަރުން ފުރުން ފާހަގަކުރާއިރު، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ނައިބު ރައީސްކަމުގެ ދައުރު ފެށޭއިރު، އެއް އަހަރު ދުވަހުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ.
މިއީ މި ސަރުކާރުން ބައިނަލްއަގްވާމީ މައިދާނުގައި މިފަދަ އިންތިހާބެއްގައި ބައިވެރިވެ ރާއްޖޭން ކާމިޔާބުކުރި ތިންވަނަ އިންތިހާބެވެ.
މީގެ ހަތަރު ކުރިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ރާއްޖެ ވަނީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކޮށްފަ އެވެ.

ކޮމެންޓް