އިސްލާމްދީނުގައި ހުއްދަ ކުރާ ގޮތްތަކުގެ މަތިން ކުރިއަށް މި އޮތް ބޮޑު އީދު ފާހަގަކުރުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ކުލަ ގަދަކޮށް ބޮޑު އީދު ފާހަގަކުރާ ބައެއް ކަމަށާއި އޭގެ ސަބަބުން ދިވެހިންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ ދިވެހިންގެ އިޖުތިމާއީ ގުޅުން ބަދަހިވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމާއި ކުދިބޮޑު އެންމެން، އީދުގެ އުފަލުގައި ބައިވެރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވަ އެވެ.
"އިސްލާމީ އުސޫލުތަކާއި ހުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށްރަށެއްގައި ވެސް އީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި، ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
މި އަހަރުގެ ބޮޑު އީދު ވަނީ މި ހަފުތާގެ ހުކުރު ދުވަހަށެވެ. ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުލަގަދަކޮށް ފާހަގަކުރެ އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ނޫސްބަޔާނުގައި ވަނީ ރަށްރަށުގައި އީދު ފާހަގަކުރަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައިކަން ކަށަވަރު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ވެސް އަންގައިފަ އެވެ.