ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް އަސްކަރީ ކަނޑު އުޅަނދެއް ހަދިޔާކުރުމަށް ނިންމައިފިއެވެ. މި ނިންމުމާ ގުޅޭ ގޮތުން މަޢުލޫމާތު ހާމަކުރެއްވީ މިހާރު ރާއްޖޭގައި ދަތުރުފުޅެއްގައި ހުންނެވި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއެވެ.
މިއަދު ބޭއްވުނު ބައްދަލުވުމެއްގައި ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު ޣައްސާން މަޢުމޫނާއި ދިވެހި އަސްކަރިއްޔާގެ އިސް ބޭފުޅުންނާއެކު ރިޗާޑް މާލްސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމަށްފަހު ދެ ވަޒީރުން ޚާއްޞަ ޖޮއިންޓް ސްޓޭޓްމަންޓެއް ދެއްވާފައިވެއެވެ.
ދިފާޢީ ވަޒީރު ޣައްސާން މައުމޫނު ވިދާޅުވި ގޮތުގައި މި ހަދިޔާއަކީ ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. އަދި މި ހަދިޔާގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އަސްކަރިއްޔާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކަށްވެސް ބާރު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރިޗާޑް މާލްސް ވިދާޅުވި ގޮތުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ އޮސްޓްރޭލިއާއަށްވެސް މުހިންމު ކަމެކެވެ. އަދި މި ހަދިޔާއަކީ ހަމައެކަނި އަސްކަރީ އެހީތެރިކަމެއް ނޫންކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުން ދައްކުވައިދޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޮސްޓްރޭލިއާއިން ހަދިޔާކުރާ އަސްކަރީ ކަނޑު އުޅަނދުގެ އިތުރުން، ހައިޑްރޯގްރެފިކް އިކުއިޕްމަންޓާއި އެހެނިހެން ވަސީލަތްތައްވެސް ރާއްޖެއަށް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ. މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މެޕްކުރުމަށާއި އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެ ކަމަށް ދިފާޢީ ވުޒާރާއިން ބުނެފައިވެއެވެ.
އޮސްޓްރޭލިއާ އިން ރާއްޖެއަށް އަސްކަރީ ކަނޑު އުޅަނދެއް ހަދިޔާކުރަން ނިންމައިފި

ކޮމެންޓް