ކަނޑުދަތުރުފަތުރު ނުކުރެވޭ ވަރަށް ބޮޑު އީދު ބަންދުގައި މޫސުން ގޯސްވާނެ ކަމަށް އަދި ލަފައެއް ނުކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އީދު ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިޖެހޭނީ އާންމު ގޮތެއްގައި އެވްރެޖުކޮށް 10 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ބެލެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ކަނޑުތައް އެންމެ މަޑުނުވިޔަސް، ކަނޑުދަތުރުފަތުރު ނުކުރެވޭ ވަރަށް ގަދަވާނެ ކަމަށް ލަފާނުކުރެވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް، ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި އަހަރުގެ ބޮޑު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. އަދި ހައްޖު ދުވަހާ އެއްކޮށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ވާނެ އެވެ.
ކޮންމެ އަހަރަކު ވެސް އީދު ބަންދާ ދިމާކޮށް މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރެ އެވެ. އަދި މިފަހުން ގިނަ އީދު ބަންދު ދިމާވެފައި ހުރީ މޫސުން ގޯސް ދުވަސްވަރުތަކާ އެވެ.
މިދިޔަ މަހު ރާއްޖެއަށް ވަނީ ހުޅަނގު މޫސުން ފެށިފަ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.

ކޮމެންޓް