މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަ ތަހުގީގު ކުރެއްވުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.
މިކަމާއި ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާނެ ކަމަށެވެ.
އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އޭގެ ފަހުން ސްޓެލްކޯއިން ބުނީ، ގްރޭޓާ މާލެ ގުރިޑް އަލުން އެނަރޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކްއަޕްތައް މިހާރު ދަނީ ފުރިހަމަ ކުރެވެމުން ކަމަށެވެ. މި ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި، ހުޅުމާލޭގެ ޖަނަރޭޓަރުސެޓްތައް އެނަރޖައިޒް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކޮމެންޓް