ހަބަރު

ދުންފަތާ ދެކޮޅަށް ރައީސް ޑރ. މުއިއްޒު, އެޅުއްވި ފިޔަވަޅުތަކަކީ ދުނިޔެއަށް ނަމޫނާއެއް: ޓެޑްރޯސް

ދުންފަތާ ދެކޮޅަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ފިޔަވަޅުތަކަކީ ދުނިޔެއަށް ނަމޫނާއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ހާއްސަ އެވޯޑެއް ވަނީ ހަވާލުކޮށްފައެވެ. މި އެވޯޑު ރައީސަށް އެރުވީ ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދުއެވެ.

ހަފުލާއަށް ފޮނުއްވި ވީޑިއޯ މެސެޖުގައި ގެބްރިއޭސަސް ވިދާޅުވީ، ދިވެހިރާއްޖެއަށް ހާސިލުވި މި ކާމިޔާބަކީ، ދުންފަތުން ރައްޔިތުން ސަލާމަތްކުރަން މަސައްކަތްކުރާ އެހެން ގައުމުތަކަށް ނަމޫނާއަކާއި ހިތްވަރެއްކަމަށެވެ.

ދުންފަތުގެ ޖެނެރޭޝަން ބޭން ނުވަތަ 2007 ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރުމުގެ ގާނޫނު މި މަހުގެ 21 ގައި ތަސްދީގުކޮށްފައިވާއިރު، އަންނަ ނޮވެމްބަރު 1 ން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

އައު ގާނޫނުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުން ގަންނަ މީހާގެ އުމުރު ޔަގީންކުރަންޖެހޭނެއެވެ. 2007 ގެ ފަހުން އުފަންވި ނުވަތަ 21 އަހަރުން ދަށުގެ މީހަކަށް ދުންފަތް ވިއްކުމަކީ މަނާކަމެކެވެ. އުމުރު ޔަގީންކުރުމަށް އައިޑީކާޑު ނުވަތަ ރަސްމީ ލިޔުމެއް ދައްކަންޖެހޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ހަމައެކަނި ތިމާގެ އަމިއްލަ ނަފުސުގެ ބަދަލުގައި، ތިބާ ލޯބިވާ މީހުންނަށާއި، ޝާމިލުވާ މުޖުތަމަޢަށް ޓަކައި، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުމަށް، އަމިއްލައަށް އަޒުމް ކަނޑައެޅުމަށް، ހުރިހާ ދިވެހި ރައްޔިތުންނަށް ހިތްވަރުދެއްވަމުންނެވެ.


ކޮމެންޓް