ހަބަރު

އެމްޑީޕީން މާލޭ މީހުންނަށް ހިލޭ ގޯތީ ބަހާފައި, އަހަރުން ކުއްޔެއް ނުދައްކާނަން: ފްލެޓްވެރިން

"ކުލި ދައްކާކަށް ނުޖެހޭ، ނުވެސް ދައްކާނަން،"

ހިޔާ ފުލެޓެއްގައި އަނބިމީހާއާ އެކު އުޅޭ 29 އަހަރުގެ މީހަކު ގާތުގައި ކުލި ނުދައްކަނީ ކީއްވެހޭ އަހައިލީމާ ބުންޏެވެ. ހަމަ ގައިމު ވެސް ކުލި ދައްކައިގެން ހަމަޖެހިލައިގެން އުޅުމުގެ ތަނަވަސްކަން ލިބިފައި ހުރި މީހެކެވެ. އެކަމަކު، ކުލި ދައްކަން ބޭނުން ނުވަނީއެވެ.

"އަހަރެން މި އުޅޭ ފުލެޓުގެ ބެލްކަނީން ބަލައިލީމާ އެބަފެނޭ އެއް ބަޔަކަށް ހިލޭ ބަހާލައިފައި އޮތް ގޯތިތައް. އެއީ، 15،16 މިލިއަން ރުފިޔާ ކޮންމެ މީހަކަށް. ހަމަ، ހިލޭ ބަހާލާފައި. އެއްވެސް އެއްޗެއް ނާތުލާ. އެކަމަކު، މި ކުޑަކުޑަ ތަންކޮޅަށް އަހަރެންވީ ކުލި ދައްކަން ދޯ؟" ފާޑަކަށް ރުޅި އަތުވެފައި ހުރެގެން އޭނާ ބުންޏެވެ.

"މަށަށް ސަރުކާރުން ދަރާފައި އޮތް ވަރު އެނގޭތަ؟ އެކިއެކި ޕްރޮޖެކްޓްސްތަކަށް. އެކަމަކު، އެ ވާހަކައެއް ނުދެއްކޭނެ ކަލޭމެންނަކަށް ވެސް،"

ބޯހިޔާވަހިކަމަކީ އަސާސީ ހައްގެކެވެ. ދައުލަތުގެ މައްޗަށް އޮތް ވާޖިބެކެވެ.


ހިލޭ ގޯތި ދޫކުރުމުން އެޗްޑީސީއަށް 11 ބިލިއަންގެ ގެއްލުން
އިތުރަށް ވިދާޅުވުމަށް

ކުލި ނުދައްކާ އުޅޭ އެހެން މީހަކާ އެ ސުވާލުކުރީމާ ދިނީ ތަފާތު ޖަވާބެކެވެ. "އެންމެން ދައްކަންޏާ މަ ވެސް ދައްކާނަން،" ކިޔާފައި ޖަހައިލީ ހިނިގަނޑެކެވެ. އެއީ މާ ބޮޑު ކަމެއް ނޫނެވެ. މައްސަލައެއް ވެސް ނޫނޭ ބުނާ ކަހަލައެވެ.

މާލޭގެ ހުރިހާ އިޖުތިމާއީ މައްސަލައެއް ގޮސް ނިމެނީ މި ބޮޑު ކާރިސާގެ ތެރެއަށެވެ. ހައްތަހާ ވެސް އެ ގަހުން ފަޅާފައި ހުރި ގޮފިތަކެވެ. އެއް ކޮޓަރި ތެރޭ ފިތިބާރުވެގެން 10،15 މީހުން އުޅެން ޖެހުމާއި އެ ކަމާ ހުރެ ޖެހޭ އާއިލީ މައްސަލަތަކުގައި 'ބޯގޮވާ' މީހުންނެވެ. އެކަމަކު، އެ ނިކަމެތި އާއިލާތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 68 އިންސައްތަ ހޭދަކުރަނީ ކުއްޔަށެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2019 ވަނަ އަހަރު ހެދި ސާވޭއަކުން ދައްކާ ގޮތުގައި މާލޭ ސަރަހައްދުގެ ގޭބިސީއަކުން އެވްރެޖުކޮށް މަހެއްގެ މައްޗަށް 37،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެއެވެ. އަދި، ގޭބިސީގައި އުޅޭ ކޮންމެ މީހަކު އެވްރެޖްގޮތެއްގައި 7،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ޖެހެއެވެ.

އޭގެ ބޮޑު ބަޔަކީ ޒަރޫރީ ކަންކަމެވެ. ކޮންމެހެން ކުރަންޖެހޭ ޚަރަދެވެ.

60 އިންސައްތަ މީހުން ކުލި ނުދައްކާ، ނުލިބި 700 މިލިއަން
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "ސަން"އިން އެޗްޑީސީގައި އެދުނު މައުލޫމާތުތައް ހާމަކުރުމުން އެނގުނީ އެ ކުންފުނިން ބަލަހައްޓައި 8،511 ފުލެޓުގެ ތެރެއިން އަމިއްލަ ކޮށްފައިވަނީ އެންމެ 193 ފުލެޓު ކަމެވެ. ބާކީ ފުލެޓުތަކުގެ ތެރޭގައި ގިނައީ ކުލި ނުދައްކާ މީހުންނެވެ. އެ މައުލޫމާތުން އެނގޭ ގޮތުގައި:

ކުލީގެ ގޮތުގައި 728 މިލިއަން ރުފިޔާ ނުލިބި އެބައޮތް
އެންމެ ފުލެޓަކުން އެކަނި ވެސް އެއް މިލިއަން ރުފިޔާ ނުދައްކާ އެބައޮތް
ގަވާއިދުން ކުލި ނުދައްކާ 5،099 ފުލެޓު ރިކޯޑުކުރެވިފައި އެބައޮތް
ގަވާއިދުން ކުލި ދައްކާ ކަމަށް ރިކޯޑުކުރެވިފައިވަނީ އެންމެ 3،219 ތަނުން

ކުލި ނުދައްކަނީ ހަމައެކަނި އާންމުންނެއް ނޫނެވެ. މަހުޖަނު ވިޔަފާރިތަކަށް ހުޅުމާލެއިން ދޫކޮށްފައި ހުރި ބިންތަކަށް ވެސް 1.2 ބިލިއަން ރުފިޔާ ނުލިބި އެބައޮތެވެ. އެ ފައިސާ ހޯދަން މަޖިލީހުން އަންނަނީ މަސައްކަތްކުރަމުންނެވެ. ފިޔަވަޅުތަކެއް ވެސް އަޅައިފިއެވެ.

އެއް ބަޔަކަށް 1،250 އަކަފޫޓުގެ ބިން ހިލޭ ދީފައި، އެ ތަނުގެ ކައިރީގައި، އެ ތަންތަން ފެންނަ ހިސާބުގައި ހުރި 62،000 ޑޮލަރުގެ ފުލެޓަށް ފައިސާ ނަގަން އުޅުނީމާ އެކަން ތަންފީޒުކުރަން ދަތިވާނެއެވެ. އެ ވާނީ އުނދަގޫ ކަމަކަށެވެ.


ކޮމެންޓް