ހަބަރު

އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓްރީން ވަނީ ވައްކަމާއި ކަރަޕްޝަން ހިންގާފައި: އޮޑިޓަރ ޖެނެރަލް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ސްޕޯޓްސް މިނިސްޓްރީން ހިންގި ކުޅިވަރު މަޝްރޫއުތަކުގައި ކޮރަޕްޝަނާއި އިސްރާފު ބޮޑު ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.

ސްޕޯޓްސް މިނިސްޓްރީން 2018 އިން 2023 އަށް ކުރި ހަރަދުތަކާ ގުޅޭގޮތުން އޮޑިޓަ ޖެނަރަލް ނެރުއްވި ރިޕޯޓްގައި ބުނީ، ދަނޑުތައް އެޅުމުގެ މަޝްރޫތައް ހިންގުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އެ މިނިސްޓްރީން ކަންކަން ކޮށްފައިވާ ކަމަށެވެ.

އޮޑިޓް އޮފީހުން ފާހަގަކުރި ގޮތުގައި އެއް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ މަޝްރޫތައް ބައިބަޔަށް ބައިކޮށް، ތަފާތު އެކި ކޮންޓްރެކްޓަރުންނާ ހަވާލު ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް ސްޕޯޓްސް މިނިސްޓްރީން ކުރީގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކޮށްފައިވާ ކަމަށެވެ. މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ޕްރޮކިޔުމެންޓްގެ ވާދަވެރިކަން ގެއްލޭ ގޮތަށް އެއް ކަމެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ ކަންކަން ބައިބައިކޮށްގެން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ.




އެއް މަޝްރޫއެއްގައި ހިމެނޭ މަސައްކަތްތައް ވަކިވަކި މަޝްރޫތަކެއްގެ ގޮތުގައި ސްޕޯޓްސް މިނިސްޓްރީން ހިންގާފައިވާ ގޮތް:

1 - ދަނޑުގެ ސަބް ބޭސް އެޅުން.




2 - ދަނޑަށް ޓާފް ސަޕްލައި ކޮށްދިނުން.




3 - ދަނޑުގައި ޓާފް އެޅުން.




4 - ދަނޑުގައި ރޮސްޓްރަމް ހެދުން.




5- ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުން.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެއް މަޝްރޫއެއްގެ ތެރޭގައި ހިމެނޭ އެ މަސައްކަތްތައް މިނިސްޓްރީން ކުރިއަށް ގެންގޮސްފައި ވަނީ ވަކިވަކި އެއްބަސްވުންތަކެއް އެކުލަވާލައި ވަކިވަކި ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.

އޮޑިޓަ ޖެނެރަލް އޮފީހުން ބުނީ 129 މަޝްރޫގެ ތެރެއިން 23 މަޝްރޫއެއް ކުރިއަށް ގެންގޮސްފައި ވަނީ އެ މަޝްރޫތަކުގެ ތެރޭގައި ހިމެނޭ އެއްކޮށް ކުރެވިދާނެ މަސައްކަތްތައް ބައިބައިކޮށް ވަކިވަކި ކޮށްގެންކަން ފާހަގަވާ ކަމަށެވެ.

އެ 23 މަޝްރޫގެ ތެރެއިން 18 މަޝްރޫއުއަކީ ފަސް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު މަޝްރޫތަކެއް ކަމަށް އޮޑިޓް ރިޕޯޓްގައި ވެ އެވެ. އަދި ފަސް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު މަޝްރޫއުއެއް ނަމަ އެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ޓެންޑާ ބޯޑަށް ހުށަހަޅައިގެންކަން މާލިއްޔަތު ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.




ނަމަވެސް މިނިސްޓްރީން އެކަން ކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވެ އެވެ.




އެ ރިޕޯޓްގައި ބުނެފައި ވަނީ ފަސް މިލިއަން ރުފިޔާގެ އަގަށް ވުރެ ބޮޑު މަޝްރޫތަކުގެ މަސައްކަތް ބައިބައިކޮށް ވަކިވަކިކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ ޓެންޑާ ބޯޑަށް ހުށަހެޅުމުގެ ބަދަލުގައި މިނިސްޓްރީން ބިޑު ކޮށްގެން ކުރިއަށް ގެންދިއުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނީ، އެއް މަޝްރޫއެއްގެ ތެރޭގައި ހިމެނޭ މަސައްކަތްތައް ވަކިވަކި މަޝްރޫތަކުގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ އިގްތިސާދީ ގޮތުން އެންމެ ފައިދާ ހުރި ގޮތަށް އެ ކަންކަން ނުކުރެވުން ކަމަށެވެ. އަދި މަސައްކަތަށް ބިޑް ކުރާ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އޮންނަ ގޮތަށް ޕްރޮކިޔުމެނެންޓްގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެ އެވެ.

"މީގެ ސަބަބުން (އެއް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ މަސައްކަތްތައް ވަކިވަކި މަޝްރޫތަކެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުން) ބޮޑު އަގުގައި މަސައްކަތްތައް ކުރުމަށް މަގުފަހިވެ، ދައުލަތުން ކުރަންޖެހޭ ހަރަދު އިތުރުވެގެން ދާނޭކަން ފާހަގަކުރަމެވެ.،" އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެއް މަޝްރޫއުއެއްގެ ތެރޭގައި ހިމެނޭ މަސައްކަތްތައް ވަކިވަކިކޮށް ވަކި މަޝްރޫއުތަކުގެ ގޮތުގައި ވަކި ކުންފުނިތަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދިއުމުން ކުރިން ކުރި މަސައްކަތް ދެ ފަހަރަށް ކުރަން ޖެހި ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށް މަޝްރޫތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވެ އެވެ.

"އެއް މަސައްކަތެއް ނިމުމުން މެނުވީ އަނެއް މަސައްކަތް ފެށެން ނެތް ހާލަތްތައް މެދުވެރިވުމާއި އެއް ކޮންޓްރެކްޓަރުގެ މަސައްކަތް ނުނިމި ދިގު މުއްދަތެއް ހޭދަވުމުން މަޝްރޫގެ ބާކީ މަސައްކަތް ނުފެށި ލަސްވުމުގެ ސަބަބުން ކުރިން ކުރި މަސައްކަތްތައް އަލުން ކުރަންޖެހި ދައުލަތުގެ ބަޖެޓުން ކުރަން ނުޖެހޭ އިތުރު ހަރަދުތައް ކޮށްފައިވާކަންވެސް ފާހަގަކުރަމެވެ،" އޮޑިޓް ރިޕޯޓްގައި ބުނެފައި ވެ އެވެ.




އެޑްވާންސް ފައިސާ 50 ޕަސަންޓަށް ވުރެ ގިނައިން ދީފައިވޭ

މާލިއްޔަތު ގަވާއިދުގައި ބުނެފައި ވަނީ މަސައްކަތް ނުވަތަ ހިދުމަތް ނުވަތަ ތަކެތި ފޯރުކޮށްދިނުމަށް ހަވާލުވާ ފަރާތުން އެ ކަމަކާ ހަވާލުވާ ފަހުން 45 ދުވަހުގެ ތެރޭގައި އެޑްވާންސް ފައިސާ ދޭން އެދިއްޖެ ނަމަ ޖުމުލަ އަގުގެ 15 ޕަސަންޓަށް ވުރެ ކުޑަ ނުވާ އަދަދަކަށް ފައިސާ ދެވިދާނެ ކަމަށެވެ.




ނަމަވެސް ދަނޑުތަކަށް ޓާފް ސަޕްލައިކޮށްދިނުމަށާއި ޓާފް އެޅުމަށް ހަވާލުވި ބައެއް ކުންފުނިތަކަށް މަސައްކަތް ހިންގާ ސައިޓަށް ތަކެތި ގެންދިއުމުގެ ކުރިން އެޑްވާންސްގެ ގޮތުގައި 55 ޕަސެންޓަށް ވާ ފައިސާ ދޫކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ވެ އެވެ.




އުސޫލާ ހިލާފަށް އެޑްވާންސް ފައިސާ ދޫކޮށްފައިވާ ގޮތް:

- މަސައްކަތް ފެށުމުގެ ކުރިން އެޑްވާންސް ފައިސާގެ ގޮތުގައި ދޫކޮށްފައިވާ 15 ޕަސެންޓު.




- ރާއްޖެއިން ބޭރުން ތަކެތި ޝިޕް ކުރުމަށް ފަހު، ޝިޕިން ޑޮކިއުމަންޓްސް ސްޕޯޓްސް މިނިސްޓްރީއަށް ހުށަހެޅުމުން ދޫކޮށްފައިވާ 30 ޕަސެންޓު ފައިސާ.




- ޝިޕް ކުރި ތަކެތި ރާއްޖެ އަށް ލިބުމުން ދޫކޮށްފައިވާ 10 ޕަސެންޓު ފައިސާ.




އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ސްޕޯޓްސް މިނިސްޓްރީ އަށް ހިދުމަތާއި ތަކެތި ލިބުމުގެ ކުރިން ދޫކޮށްފައިވާ އެޑްވާންސް ފައިސާގެ އަދަދު 55 މިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށެވެ.


ކޮމެންޓް