ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް މާލޭ ސިޓީ ކައުންސިލުގެ ހަފުލާތަކަށް ނުވައްދަން އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ބުނީ މިއަދު ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައި އެ ގޮތަށް ނިންމީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން ކުރި މަޝްވަރާއަށް ފަހު ކަމަށެވެ.
އެ މަޝްވާރާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ސިޓީ ކައުންސިލުން ދެން ބާއްވާ ހަފުލާތަކުގައި ބޭނުން ނުކުރާނެ ކަމަށެވެ.
ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްގެ އިތުރުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލްގެ ގިނަ މެމްބަރުން ވަނީ އެ ނިންމުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އިންސާނުންގެ ސިއްހަތަށް ބަލާއިރު ދުފުމަކީ ވެސް ގެއްލުން ހުރި ކަމެއް ކަމަށާއި ދުނިޔޭގެ ސިއްހީ މާހިރުން ދޭ ލަފަޔާއި އިރުޝާދުގެ މަތިން އެންމެންގެ ރައްކަލަކަށް ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ކައުންސިލްގެ ހަފުލާތަކުގައި ބޭނުން ނުކުރުމަށް ތާއީދުކުރާ ކަމަށް އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ކައުންސިލް މެމްބަރުން ވިދާޅުވި އެވެ.
މި ނިންމުމާ އެކު، ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް މީގެ ފަހުން ސިޓީ ކައުންސިލުން ބާއްވާ އެއްވެސް ހަފުލާއެއްގައި ނުބަހައްޓާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ކޮމެންޓް