ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ 'ވާނުވާ ބަންދު' ޖަހާފައި ތިބި މީހުން، އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ޓެގު އަޅުވައި ދޫކުރުމަށް އެދި މިހާތަނަށް ލިބިފައިވަނީ 'ދެ ތިން' މީހެއްގެ ފޯމް ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
ވާނުވާ ބަންދުގައި ތިބޭ މީހުން ޓެގު އަޅުވައި ދޫކުރަން ނިންމާފައިވާކަން ޕީޖީ އޮފީހުން ހާމަކުރީ މިދިޔަ ބުދަ ދުވަހެވެ. އެ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ދެއްވި މައުލޫމާތުގައި ބުނެފައިވަނީ، އެ ކަމަށް އެދި ހުށަހަޅާ ފޯމުތައް ލިބެންފެށީ މިދިޔަ ބުރާސްފަތީގައި ކަމަށާއި، އެހައިތަނަށް ދެތިން ފޯމެއް ލިބުނު ކަމަށެވެ. ނަމަވެސް މިހައިތަނަށް އެގޮތަށް އެއްވެސް މީހަކު ދޫކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފޯމުތައް ލިބުމާއެކު، އެ މީހުން ދޫކޮށްލައިފިނަމަ، މުޖުމަތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމުގެ އެސެސްމަންޓެއް ހެދުމަށް ފުލުހުންގެ ހިދުމަތުގައި ޕީޖީން އެދޭނެއެވެ. އަދި ކޮންމެ މީހަކު ނަމަވެސް، މި ނިޒާމުގެ ތެރެއިން ބަންދުން ދޫކުރާނީ ފުލުހުންގެ ލަފާގެ މަތިން މޮނިޓާ ކުރުމަށް ފަހުގައެވެ. އަދި ބަންދަށް ލުއި ލިބުމަށް އެދޭ މީހުންނަށް، ޕީޖީ އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.